މިދިޔަ ދެތިން އަހަރު އެންމެ ބޮޑަށް ވިދާލި އެއް ތަރި، ކަމަށްވާ އަކްޝޭ ކުމާރު ކެނޭޑިއަން ޕާސްޕޯޓެއް ގެންގުޅޭތީ އަބަދުހެން ފާޑުކިޔުން އަމާޒު ވެއެވެ.
އަކްޝޭ ބުނާ ގޮތުގައި އިންޑިއާ ދެކެ އޭނާވާ ލޯބި ސާބިތު ކޮށްދޭން މީހުން އެދޭތީ އެކަމާ ދެރަވެ ހިތާމަ ކުރެއެވެ. ގައުމަށް ބޮޑެތި ހިދުމަތްތަކެއް އަކްޝޭ ކޮށްދީފައި ވާއިރު ކެނެޑިއަން ޕާސްޕޯޓެއް ގެންގުޅެ އިންޑިއާއިން އާމްދަނީ ހޯދަމުންދާތީ އޭނާއާ ދިމާކުރާ މީހުން ގިނައެވެ.
އެކަމަށް އަކްޝޭ މިހާރު މިވަނީ ހައްލެއް ހޯދާފައެވެ. އޭނާ ބުނީ މިހާރު އިންޑިއާ ޕާސްޕޯޓަކަށް އެދި ހުށަހަޅާފައި ވާނެ ކަމަށެވެ. އަކްޝޭ އިންޑިއަން ޕާސްޕޯޓެއް ހެއްދުމަށް އެދުނުކަން އެނގުމުން އޭނާގެ ފޭނުންވަނީ މީސް މީޑިއާގައި އަކްޝޭއާ މެދު އޮތް ލޯބި ބަންޑުން ކޮށްލާފައެވެ. އަދި އިންޑިއާގެ ޕާސްޕޯޓެއް އޮތަސް ނެތަސް އޭނާ އަށް އިހުތިރާމް ކުރާ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ. އަނެއްބަޔަކު ބުނަމުން ދަނީ އަކްޝޭ ދެކެ ރުޅި އަންނަ މީހުނަށް މިހާރު އޭނާއާ މެދު ބުނާނެ އެއްވެސް ނެގެޓިވް އެއްޗެއް ނޯންނާނެ ކަމަށެވެ.
މިއަހަރުގެ މޭމަހު އަކްޝޭގެ ކެނެޑިއަން ޕާސްޕޯޓް ކަންތަކާ މީހުން އެންމެ ބޮޑަށް ވާހަކަ ދައްކަމުން ދިޔަ އިރު އަކްޝޭ ވަނީ އެކަން ދިފާއު ކޮށްފައެވެ.
"އަހަރެންގެ ސިޓިޒަންޝިޕަށް އެހާ ބޮޑު އިންޓަރެސްޓެއް ދޭން ޖެހޭ ސަބަބެއް ނޭނގެ. އެއްވެސް އިރެއްގައި ކެނެޑިއަން ޕާސްޕޯޓެއް އޮންނަ ކަމެއް ދޮގުކޮށްފައެއްވެސް ނުވަތަ ފޮރުވާފައެއްވެސް ނުވާނެ. ހަމަ އެއާއެކު މިދިޔަ ހަތް އަހަރު ކެނެޑާއަކަށް ނުވެސް ދެވޭ." އަކްޝޭ ބުންޏެވެ.
އަކްޝޭ އިތުރަށް ބުނީ މިހުރިހާ ދުވަހު ގައުމު ދެކެ އޭނާ ވާލޯބި ސާބިތު ކޮށްދޭން ޖެހިފައި ނުވާއިރު ސިޓިޒަންޝިޕްގެ މައްސަލަ ފެންމަތިކޮށް އެކަން ކޮންޓްރޮވާސީއަކަށް ހަދާތީ ހިތްހަމަ ނުޖެހޭ ކަމަށެވެ.
"މިއީ ޕާސަނަލް، ލީގަލް ކަމެއް. ސިޔާސީ ކަމެއްވެސް ނޫން އަނެއްކާ މީހަކާ ބެހޭ ކަމެއްވެސް ނޫން. އިންޑިއާ ވަރުގަދަކޮށް އިންޑިއާގެ ކުރިއެރުމަށް އަހަރެންނަށް ވީ ވަރަކުން އަބަދުވެސް ހިދުމަތް ކުރުމުގައި ދެމިހުންނާނަން" އަކްޝޭ ބުންޏެވެ.
އަކްޝޭ އެންމެ އަވަހަށް ފެނިގެން ދާނީ ކަރީނާ ކަޕޫރު، ދިލްޖިތް ދޮސަންޖް އަދި ކިއާރާ އަދްވާނީ އާއެކު ފިލްމު "ގުޑް ނިއުޒް" އިންނެވެ. މި ފިލްމު މިމަހު 27 ގައި ރިލީސްކުރަން ވަނި ހަމަޖެހިފައެވެ.