އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، މަރު ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ އައްްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ސުއޫދު އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ސުއޫދު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެންމެ މެންބަރަކު ވޯޓު ދެއްވިއެވެ.
ސުއޫދު އެމަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.
ވީނުވީގޮތެއްް ނޭނގި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި "ކޮމިޝަން އޮން ޑިސެޕިއަރެންސް އެންޑް ޑެތުސް" ގެ ރައީސް ކަމުގައި ހުންނެވި ސުއޫދު މީގެ ކުރިން ވަނީ ބަންޑާރަ ނާއިބުކަން ކުރައްވައިފައެވެ.
މީގެ އިތުރުން ގާނޫނުއަސާސީ އިސްލާހު ކުރަން އެއްކުރި އެންމެ ފަހުގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހިމެނި ވަޑައިގެން މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ ޑްރާފްޓް ކުރުގައި ކަމާބެހޭ ކޮމިޓީގައި ސުއޫދު ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވައިފައެވެ.
މީގެ އިތުރުންވެސް ސުއޫދު ވަނީ ގާނޫނީ ދާއިރާގައި ގިިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ލޯ ކޮމިޝަންގެ ޗެއާމަން ކަމާއި އެޗްއާރުސީއެމްގެ މެންބަރުކަން ވެސް ހިމެނެއެވެ.
ގާނޫނަށް ބަދަލު ގެނެސް ފަސް ފަނޑިޔާއުން ތިއްބަވާ ސުޕްރީމް ކޯޓީގެ ބެންޗް މި ސަރުކާރުން ހަތް ފަނޑިޔާރުންނަަށް ބަދަލު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.