އިބްރާހިމް ޒަކީ
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް މ. ގުލްފާމްގެ، އަހްމަދު މުއުތަސިމް އަދުނާން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފިއެވެ.
މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްްވައިގެންނެވެ.
ގާނޫނީ ދާއިރާ އިން މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މުއުތަސިމް މީގެ ކުރިންވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރައްވައިފައެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން 2014 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޖޭއެސްސީން ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ސުޕްރީމް ކޯޓީގެ ފަނޑިޔާރުކަމުން މުއުތަސިމް ދުރު ކުރެވުނެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމުންނެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުކަމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވަކިކުރަން މަޖިލީހުން ފާސް ކުރީ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އުއްތަމަ ފަނޑިޔާރު ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.
އުއްތަމަ ފަނޑިޔާރުކަމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވަކި ކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީން މަޖިލީހަށް ހުށަހެޅީ، ޖޭއެސްސީން އެގޮތަށް ނިންމައި މަޖިލީހަށް ފޮނުވި ރިޕޯޓު ދިރާސާ ކުރުމަށްފަހުގައެވެ.
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި އެމަގާމުން އޭނާ ވަކިކުރަން ޖެހޭ 15 ކަމަކަށް ރިއާޔަތް ކޮށްފައިވެއެވެ.