ޝަހީދާ އަބްދުﷲ ސައީދު
ފުލެޓް ދޭނެ ކަމަށް ބުނެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްވާ ގަނޑުކޮޅުގައި ހުރި ބުރަދަނެއް ބަލަންޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން'' އަށް ދެއްވި އިންޓަވިއުއެއްގައި ޝިފާ މުހައްމަދު ވިދާޅުވީ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ސޮއިކުރައްވައި ފުލެޓް ދޭނެ ކަމަށް ބުނާ ލިޔުމެއް ބައެއް ފަރާތްތަކަށް ދޫކުރަމުންދާ ކަމަށާއި، އެގަނޑުކޮޅުގައި ހުރީ ކިހާ ބުރަދަނެއްތޯ ފުރަތަމަ ބަލަން ޖެހޭ ކަމަށެވެ.
ޝިފާ ވިދާޅުވީ ފުލެޓް ދޫކުރުމުގައި ހައުސިން މިނިސްޓްރީން ހިންގަނީ ބޮޑު ޖަރީމާއެއް ކަމަށެވެ. އެގޮތުން ދައުރު ހަމަވުމުން ވެސް މަސައްކަތް ހުއްޓައި ނުލައި، ރެޔާ ދުވާލު ފުލެޓް ލިޔުންތައް ދޫކުރަމުންދާ ކަމަށް ޝިފާ ވިދާޅުވިއެވެ. ޝިފާ ވިދާޅުވީ ހައުސިން މިނިސްޓްރީގައި ތިބި ސިޔާސީ މީހުން އެކުލެވޭ ގޮތަށް ކޮމެޓީއެއް ނަގައިގެން، ކޮންޓްރެކްޓް އުސޫލުން ތިން މަހަށް މީހުން ނަގައިގެން ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ.
އަދި ދަފްތަރުގައި ޖެހި، މާލޭގައި ދިރިއުޅުނު މުއްދަތަށް ބަލާއިރު 60 އަހަރު ވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތައްވެސް ތިބިކަމަށާއި، ނަމަވެސް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި، އެފަރާތްތަކަށް ފުލެޓް ނުދިން އިރު، މާލޭގައި ދުވަހަކު ނޫޅޭ ފަރާތްތަކަށް ވެސް ފުލެޓް ދީފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.
"އަންނަ ފޯނު ކޯލަކަށްވެސް ފުލެޓް ދީފައި އެބަހުރި. ދައުރު ހަމަވީމަ އަދިވެސް ރެޔާއި ދުވާލު ހޭލާ ތިބެގެން އަދިވެސް އެދަނީ ޖަރީމާތައް ހިންގަމުން. އެއްވެސް ކަހަލަ އުސޫލެއް އިންސާފެއް ނެތި ފުލެޓް ދޫކުރަަމުން ދަނީ އޭގެ ހައްގުވެރިން ބާކީކޮށްފައި." ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ހަމަ އާއި އުސޫލުން ބޭރުން ގާނޫނާއި ޚިލާފަށް ފުލެޓް ދޫކުރާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެ އިދާރާއެއް އެބަހުރިކަން ހަނދާން ކުރަންޖެހޭނެ ކަމަށެވެ. އަދި އެކަންކަމަށް މުއިއްޒު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.
ފުލެޓް ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކުރުން މިއަދު ބާރަ ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު މުއިއްޒު ރޭގެ ވަގުތެއްގައި ޓުވީޓަކުން ވިދާޅުވި ނަމަވެސް، މިހާރުވެސް މިނިސްޓްރީގައި ލިޔުން ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ އެނގިފައެވެ.