ރައްޔިތުންގެ މަޖިލިސް

ޕީޖީ ކަމަށް ޝަމީމު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލު ހުސެއިން ޝަމީމު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރަން ފާސް ކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ އިއްތިފާގުންނެވެ. ޕީޖީކަމުގެ މަގާމު ނޮވެމްބަރު މަހުގެ 28 ވަނަ ހުސްވީ އެ ދުވަހާ ހަމަޔަށް އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ.

އޭނާ އިސްތިއުފާ ދެއްްވީ އޭނާ އެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަން ފެށުމުންނެވެ.

ޕީޖީކަމުގެ މަގާމު ހުސްވުމުން މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝަމީމާއެކު ތިން ބޭފުޅުން ކުރިމަތިލެއްވިއެވެ. އެއީ ޝަމީމުގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި މަރިޔަމް ނިހާޔަތާއި ވަކީލު އަހުމަދު ޒަނީނެވެ.

ނަމަވެސް އެބޭފުޅުންގެ ތެރެއިން ޕީޖީ ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވީ ޝަމީމުގެ ނަމެވެ.

ރައްޔިތުންގެ މަޖިލީހަށް ޝަމީމުގެ ނަން ރައީސް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް ވަނީ ފާސްކޮށްފައެވެ.