އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލު ކޮށްފައިވާ މަަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްްކަތްތަކުގެ ތެރެއިން، ވޯޓަށް އެހުން ނޫން ހުރިހާ މަސައްކަތެއް ނިމިފައި ވާތީ، ވޯޓަށް އަހާނެ ވަގުތެއް ހަމަޖައްސަން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާ ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
މަޖިލިސް ޖަލްސާ އޮންނަ ކޮންމެ ދުވަހަކުވެސް ވޯޓަށް އަހަން ޖެހޭ ކަންކަމަށް ވޯޓަށް އެހުން ބާއްވަން ކަނޑަަޅައިފައި އޮންނަނީ 1:30 ގަ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގެ ހުސްވަގުތާ ހަމައަށް އައިއިރު ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ހުރިހާ މަސައްކަތެއް އޮތީ ނިމިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް އަލަށް ތައާރަފު ކުރާ 10 ބިލެއްގެ ފުރަތަމަ ކިޔުން މަޖިލިސް ރައީސް އިއްވެވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ މަދަނީ އިޖުރާއަތުގެ ބިލާއި، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ބިލާއި ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމު ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ތައުލީމުގެ ބިލާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބިލާއި ދިވެހި ރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ބިލާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލާއި އެއްމެދު އިމާރާތުގެ ބިލާއި ދިވެހިރާއްޖޭގެ ހަކަތައިގެ ބިލާއި ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލެވެ.
ދެން މިއަދުގެ ޖަލްސާގައި އޮތީ ކޮމިޓީތަކުން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރު ކަމަށް އަހްމަދު މުއުތަސިމް އައްޔަން ކުރުމަށާއި ޕީޖީގެ މަގާމަށް ހުސެއިން ޝަމީމު އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުސްނު ސުއޫދު އައްޔަން ކުރުމުގެ އިތުރުން ދައުލަތުގެ އެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަން ޖެހޭ މާލީ އިލްތިޒާމުތަކާމެދު ގެންގުޅޭ އުސޫލުތައް ހަމަޖެއްސުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރު ދިރާސާކޮށް ކޮމިޓީން އެކުަލަވައިލި ރިޕޯޓު މަޖިލީހަށް ހުށަހެޅިއެވެ.
ނަމަވެސް އެ ރިޕޯޓްތަކަށް އިތުރަށް ބަހުސް ކުރަން މެންބަރުން ބޭނުންވެ ވަޑައި ނުގަންނަވާތީ، ދެން އޮންނާނީ އެ ރިޕޯޓްތަކަށް ވޯޓަށް އެހުމެވެ.
ޖަލްސާގެ ފުރަތަމަ ދައުރު ނިމި ޖަލްސާ މެދު ކަނޑުއްވައިލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ މިއަދުވެސް ވޯޓަށް އެހުން އޮންނާނީ 1:30 ގައި ކަމަށް ބެލި ނަމަވެސް ޖަލްސާގައި އިތުރު މަސައްކަތެއް ނެތުމާއެކު އެއަށްވުރެ އަވަހަށް، އެހެން ގަޑިއެއްގައި ވޯޓަށް އެހޭނެ ގޮތެއް އޮތްތޯ ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.