މަޖިލީހުގެ ރައީސް

ޖޭއެސްސީން ދުރަށްޖެހުމަކީ ރާއްޖެއަށް މިވަގުތު ލިބޭނެ އެންމެ ބޮޑު ބޮނޑި: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގައި) މިހާރު އެމަނިކުފާނު އިންނެވި މަގާމުން ދުރަށް ޖެހިވަޑައިގެންނެވުމަކީ މިވަގުތު ރާއްޖެއަށް ލިބޭނޭ އެންމެ ބޮޑު ބޮނޑި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަން ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި އިދިކޮޅު ޕީއެންސީގެ މެންބަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނު ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މަގާމުން ދުރަށް ޖެހިވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުން އެދިވަޑައިގެންނެވި ގޮތައް ކަންތައްތައް ނިންމަވައިދެއްވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އިއްޒަތްތެރި މެންބަރުން، ދަންނަވާލަންތޯ، މިވަގުތު ޖޭއެސްސީގައި އަޅުގަނޑު މިއިން މަގާމުން ދުރަށް ޖެހުމަކީ މި ދިވެހި ރާއްޖެއަަށް މިވަގުތަށް ލިބޭނެ އެންމެ ބޮޑު ބޮނޑި. އަޅުގަނޑު އިނދެގެން އިރާދަ ކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ރައްޔިތުން ތި އެދިވަޑައިގަންނަވާ ގޮތަށް މިކަންކޮށް ނިންމައިދޭނަމޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރިޕޯޓަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ ނަންފޮނުވައި ޖޭއެސްސީން ގަބޫލު ކޮށްފައިވާ ހުސްނުއް ސުއޫދަކީ ތަޖުރިބާހުރި މޮޅު ބޭފުޅެއް ނަމަވެސް އެއީ ސިޔާސީ ބޭފުޅެއް ކަމަށެވެ. އަދި އެހާ މޮޅު ސިޔާސީނޫން ބޭފުޅުން ތިބަވަނިކޮށް، ޖުޑިޝަރީ މިނިވަން ކުރުމުގެ ނަމުގައި މަސައްކަތް ކުރަމުން އެފަދަ ސިޔާސީ ބޭފުޅެއް ސުޕްރީމް ކޯޓަށް އައްޔަންކުރަން ފޮނުވުމަކީ ތާއީދު ކުރާކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޝަރުއީނިޒާމު ރަނގަޅު ކުރުމުގެ ވާހަކަ ދައްކާއިރު ރައްޔިތުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކެއް މިހާރު އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެތުރިފައި އޮތް ގޮތާއި ޝާރުއީ ނިޒާމުުގެ ތެރެއަށް ޖޭއެސްއެސްސީން ނުފޫޒު ފޯރުވާ މައްސަލައިގައި ކަމަށެވެ.

އަދި ރާއްޖޭގެ ޝަރުއީ ނިޒާމް ރަނގަޅު ކުރަން ބޭނުންވާ ނަމަ ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން ކަމަށާއި އެތަނުން ރައީސް ނަޝީދު ދުރަށް ޖެހިވަޑައިގަތުން ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ ޝަރުއީ ނިޒާމް ރަނގަލޫކުރަމް ބޭނުންވާ ނަމަ ކުރަން އޮތް އެންމެ މުހިއްމު ކަމަކީ އަޅުގަނޑުމެން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން. އެތަނުން މަނިކުފާނު ދުރަށް ވަޑައިގަތުމަކީ މި ގައުމުގެ ޝަރުއީ ނިޒާމަށް ޓަކައި ކުރެވޭނެ އެންމެ ރަނަގު ކަންތައްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޝަރީފް ވިދާޅުވިއެވެ.