އިބްރާހިމް ޒަކީ
ބަރުލަމާނީ ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުމެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް "ލޯކްސަބާ" އާއެކު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ސޮއިކުރަން ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިމަހު ނުވަވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ދަތުރު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
ވަފުދުގެ މިދަތުރުގައި "އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކްސަބާ އޮފްދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ދެ ފަރާތުން ސޮއި ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ދެމެދުގައި ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ އިތުރުން ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީ ކުރުމާއި ފަންނީ ފުރުސަތުތަކަށް މަގުފަހި ކުރުމަށް ރަސްމީ އޮނިގަނޑެއް އެކުލަވައިލާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދެފަރާތުން ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލު ކުރުމާއި ބައިނަލް އަގުވާމީ ބައްދަލުވުން ތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވަން މަގުފަހިވެންދާނެ އެވެ.
މަޖިިލިސް ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުން އިންޑިއާއަށް ކުރައްވާ މި ދަތުރުގައި، މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުން ހިމެނޭގޮތަށް 15 މެންބަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން މަޖިލީހުގެ އަމީން އާއްމުއާއި ކައުންސެލް ޖެނެރަލްވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންވާނެއެވެ.