ބޮލީވުޑް

"ޕަތީ" އަދި "ވޯ" އަށް އަނަންޔާ ބޭނުންވަނީ ސަލްމާން

އަނަންޔާ ޕާންޑޭގެ ދެވަނަ ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ" ވަނީ އިއްޔެ ރިލީސްކޮށްފައެވެ.

ފިލްމުގެ ޕްރޮމޯޝަނަށް ކޯ ސްޓާރުން ކަމަށްވާ ކާތިކް އާރްޔަން އަދި ބޫމީ ޕެޑްނޭކަރާ އެކު އަނަންޔާވެސް ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.

މިގޮތަށް އޮތް ޕްރޮމޯޝަން އިވެންޓެއްގައި ނޫސްވެރިޔަކު އަނަންޔާ އަށް ވަނީ ފިލްމާ ގުޅުވައިގެން ސުވާލެއްކޮށްފައެވެ. އަނަންޔާއާ ކުރި ސުވާލަކީ "ޕަތީ" އަކަށް އަދި "ވޯ" އަށް އަނަންޔާ ބޭނުންވަނީ ކާކުތޯ އެވެ.

މަގުބޫލު ބަތަލު ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ އަށް ރައްދުވި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އޭނާގެ ޕަތީ އަކަށް ބޭނުންވަނީ ސަލްމާން ޚާން ކަމަށެވެ. އަނަންޔާ ބުނި ގޮތުގައި އޭނާ ސަލްމާން ޗޫޒް ކުރީ އެއީ މިހާތަނަށް ކައިވެނި ނުކޮށްހުރި އެންމެ "ޕަތީ" ފިގާ ވީމަ ކަމަށެވެ. އޭނާގެ "ވޯ" ގެ ގޮތުގައިވެސް ބޭނުންވަނީ ސަލްމާން ކަމުގައި އަނަންޔާ އިތުރަށް ބުންޏެވެ. އެއީ ސަލްމާން ފިލްމު ޖުޑްވާގައި ހަރަކާތްތެރިވެފައިވާތީ އޭނާގެ ޑަބަލްރޯލެއް ހުރެދާނެ ކަމަށް ބަލާފައި ކަމުގައި އަނަންޔާ ބުންޏެވެ.

މީގެ ކުރިން އެތައް ފަހަރަކު އަނަންޔާ ވަނީ ބަތަލު ވަރުން ދަވަންއަށްވެސް ވަރަށް ތައުރީފު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި ވަރުންއަކީ މިހާރު އެންމެ އެކުގައި މަސައްކަތް ކުރަން ބޭނުންވާ ތަރި ކަމަށާއި، އޭނާ ވަރުންދެކެ ލޯބިވާ ކަމަށެވެ. ވަރުންއަކީ އެނާޖެޓިކް މީހެއް ކަމަށް އަނަންޔާ ބުންޏެވެ. އަދި އޭނާއަށް ވަރުން ވަރަށް ކަމުދާކަމަށްވެސް ވަނީ ބުނެފައެވެ. އެހާ ބޮޑަށް ވަރުންދެކެ ލޯބިވާތީ ބައެއް ފަހަރު އޭނާއާއެކު "އޯކްވޯޑް" ވާކަމަށްވެސް އަނަންޔާ ބުނެއެވެ.

އަނަންޔާ އަދި ވަރުންވެސް ފިލްމީ ދުނިޔެއަށް ނެރެދިނީ ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސްއިންނެވެ. ވަރުން އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ "ސްޓޫޑަންޓް އޮފް ދަ އިޔާ" އެވެ. އަނަންޔާ ބޮލީވުޑަށް ނުކުތީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ.