މަގުތަކުގެ ހައްގު އަދާކުރުމަށްޓަކައި މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާ ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ، މަގުމަތި ސާފުކޮށް ބެލެހެއްޓުމަކީ ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް ކަމަށާއި ސަބަބކީ ސާފުތާހިރުކަމަކީ އެތައް ބަލިތަކަކުން މުޖުތަމައު ރައްކާތެރިކޮށްދޭ ކަމަކަށްވާތީ ކަމަށެވެ. އަދި މަތިމަތިން ކުނި ބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
ކީރިތި ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އީމާންކަން ހައްދިހަ އެތައް ބަޔަކަށް ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިފައިވެއެވެ. އީމާންކަމުގެ އެންމެ މާތް އަދި މަތީ ދަރަޖައަކީ ﷲ މެނުވީ ހައްގުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށް ހިތުގެ އަޑިން ގަބޫލުކޮށް، އީމާންވުމެވެ. އަދި މަގުމަތީން ކުނި ބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ އެންމެ ކުޑަމިންވަރެވެ."
ހުތުބާގައި ބުނީ، އަހުލާގީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭ ކަމަށެވެ. އަދި މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭއިރު މީސްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިފައިކަމުން ހިނގާ މަގުތަކަށް ވެސް ހައްގުތަކެއް ކަނޑައެޅިގެންވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އަދި މަގުމަތީގެ ހައްގުތައް ރައްކާތެރި ކުރެވެނީ އެމަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންގެ އަމަލުތައް ބަހައްޓާ ގޮތުން ކަމަށާއި މަގުމަތީގެ އަދަބުތަކާއި ހައްގުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާވެގެންދާނެ ކަމަށް ބުނެފައިވެއެވެ.
އެގޮތުން މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަން އިޝާރާތް ކުރައްވާ ހުތުބާގައި ބުނީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަހުލާގީ ގޮތުން ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
އޭގެ އިތުރުން މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނޭ ކަމަށާއި އެއީ ބުނާ ބަހަކުން ކަމުގައި ވިޔަސް، ކުރާ އަމަލަކުން ކަމުގައި ވިޔަސް ކުރާ އިޝާރާތަކުން ނުވަތަ ބަލާބެލުމަކުން ކަމުގައި ވިޔސް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ، މަގުމަތީގައި ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އެކަންތައްތަކުގެ ތެރޭގައި ވިއްސާރަ ދުވަސްދުވަހު މަގުމަތީގައި ހިނގާފައިދާ މީހުންގެ ގަޔަށް ފެންބުރައިގެންދާ ގޮތަށް އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި މީހުން އެރުވުމާއި ކަފިހި ހުރަހުގައި މަގު ހުރަސްކުރަން ހުންނަ މީހާއަށް ތަންނުދީ ތަކެތި ދުއްވުމާއި ސިގުނަލް ނުދީ ގަވާއިދާ ހިލާފަށް ވާތްފަރާތުން ކުރިއަރައިގެން ދިއުމާއި ބާރަށް ބަރުގޮނު އެޅުމާއި ސައިލެންސަރުގެ އަޑު ގަދަވާ ގޮތަށް ހަދައިގެން ދުއްވުން ހިމެނޭ ކަމަށެވެ.
ހުތުބާގައި ބުނެފައިވަނީ، މަތުމަތީގެ ހައްގުތަކުގެ ތެރޭގައި މަގުތައް ސާފުތާހިރުކޮށް ބޭއްވުން ހިމެނޭ ކަމަށެވެ. އެގޮތުން ގޯތިގެދޮރުގައި އުފެދޭ ކުނި، މަގުމައްޗަށް އުކާލާ މީހުން އުޅޭކަން ފާހަގަކުރައްވާ ވިދާޅުވީ، ބޭނުންކޮށްފައި އޮންނަ ޓިޝޫ އާއި ހުސްވެފައި ހުންނަ ފުޅި އާއި ދަޅު ފަދަ ތަކެތި މަގުމައްޗަށާއި ގޮނޑުދޮށަށް އުކާލުމާއި މަގުމަައްޗާއި ގޮނޑުދޮށް ގޮނޑުވާ ފަދަ ތިމާވެއްޓަށް ގެއްލުންހުރި އަމަލުތައް ކުރާތަން ފެންނަކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.
ނަމަވެސް މަގުތަކަށް ފެން ފައިބާ ގޮތަށް ފޫގޮސްފައިވާ އޮތީ ކިތައް ދިޔަދޮވިތޯ އާއި އެއާކޯންތަކާއި ދޮންނަ މެޝިނުން ބޭރުވާ ފެން މަގުމައްޗަށް އޮހެނީ ކިތައް ގެއިންތޯ އާއި ގޯޅިގޯޅިއަށް ކުނި އެޅުމާއި މޭވާ ކެއުމަށްފަހު އޭގެ އޮށާއި ތޮށި މަގުމައްޗަށް އަޅާނީ ކިތައް މީހުންތޯ ހުތުބާގައި ސުވާލުކުރިއެވެ.
އަދި މަގުމައްޗަށް ކުޅު ޖެހުމާއި ހިނގާފައިދާ މީހުންގެ މޫނާ ދިމާކޮށް ކިނބިހި އެޅުމާއި މޫނުމައްޗަށް ސިނގިރޭޓުގެ ދުންތައް ބުރުވާލުންފަދަ ނާތަހުޒީބު އަމަލުތައް ކުރަނީ ކިތައް މީހުންތޯ ހުތުބާގައި ސުވާލު އުފެއްދިއެވެ.
އެގޮތުން ހުތުބާގައި ވަނީ، އެފަދަ ކޮންމެ ކަމަކީ އެ ރަށެއްގައި ދިރިއުޅޭ އެންމެންނަށް ގެއްލުން ހުރި ކަންކަމަށްވާތީ، ރަސްމީ ފަރާތަކުން އެންގެމުގެ ކުރިން އަމިއްލަ ނަފްސަށް ފެނިގެން އެކަންކަން އިސްލަހު ކުރުމަށް ގޮވާލައިފައެވެ.