ބޮލީވުޑް

ޖާންވީއަށް ކަމުދަނީ ފިރިހެން ސެންޓު

ބޮލީވުޑް ޑީވާ ސްރީދޭވީ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ އަންހެން ދަރިފުޅު ބަތަލާ ޖާންވީ ކަޕޫރަށް ކަމުދަނީ ފިރިހެން ސެންޓުކަމުގައި އޭނާ ބުނެފިއެވެ.

ޖާންވީ ބުނި ގޮތުގައި ރޭގަނޑު ބޭރަށް ދާއިރު ފިރިހެން އަދި އަންހެން ސެންޓުގެ މިކްސްއެއް އާންމުގޮތެއްގައި އޭނާ ޖަހައެވެ.

"އަސްލު ބައްޕަގެ ސެންޓު ވަރަށް ކަމުދޭ. ކުޑަ އިރުވެސް ބައްޕަގެ އަލަމާރިން ސެންޓު ނަގައިގެން ޖަހައި ހަދަން. ރޭގަނޑު ބޭރަށްދާނަމަ ފިރިހެން އަންހެން ސެންޓު މިކްސް ކޮށްގެން ޖަހަނީ. އޭރުން ޓެންޖީ އެކަމަކު ފޯމަލް ވަހެއް ދުވާނެ" ނޫސްވެރިޔަކަށް ދިން އިންޓަވިއުއެއްގައި ޖާންވީ ބުންޏެވެ.

ލޯތްބާމެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ޖާންވީ ބުނީ ލޯތްބަކީ ބަހުން ބުނެވޭ އެއްޗެއް ނޫން ކަމަށެވެ. އެއީ އިހްސާސެއް ކަމަށާއި ލޯބި ކިޔައިދޭން އުނދަގޫ ކަމަށެވެ.

"އެއްފަހަރު ކިޔުނު ހަރުބަހެއްގައި ވޭ؛ ލައިފްގަ ކުރާ ކޮންމެ ކަމަކުން ލޯބިވުން އިތުރުވެގެންދޭ. އެހެންކަމުން ދިރިއުޅުމުގައި މި ކުރެވޭ ކޮންމެ ކަމަކީ ލޯތްބަށްޓަކައި ކުރެވޭ ކަންކަން. އަހަރެން މިކުރާ މަސައްކަތް މީހުންގެ ލޯބި ހޯދުމަށް ކުރަމުން ދާނަން," ޖާންވީ ބުންޏެވެ.

ކުރިއަށް ޖާންވީގެ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ގޯސްޓް ސްޓޯރީޒް"، "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް"، "ރޫހީ އަފްޒާ" އަދި "ދޯސްތާނާ ދޭއް" ހިމެނެއެވެ.