ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ އަންހެން ބޭފުޅުން ވާދަކުރެއްވުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ގޮވާލައިފިއެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިއަދު ފާސްކުރުމާ ގުޅިގެން އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ވަކި ނިސްބަތެއް ކަނޑައެޅިގެން ދިއުމުގެ މުނާސަބަތުގައި ދިވެހި އަންހެނުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ ކޯލިޝަނުން ވެފައިވާ ވައުދެއްކަން ފާހަގަކުރައްވައި، އެ ބިލު ފާސްކުރުމަށް މަސައްކަތް ކޮށްދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ޕާޓީގެ ފަރާތުން ވަނީ ޝުކުރު ދަންނަވައިފައެވެ.
ކައުންސިލުތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރާގޮތަށް އިދާރީ ދާއިރާތައް ލާމާރުކަޒީ އުސޫލުން ހިންގުމުގެ ބިލު ފާސްވެގެން ދިއުމަކީ، ދިވެހި އަންހެނުން ސިޔާސި މައިދާނުގައި ހަރަކާތްތެރިވެ ބަސްބުނުމަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެޅިގެން ދިޔަ ބިންގަލެއް ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން މި ބިލު ފާސްކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ އަންހެނުންގެ ބައިވެރިވުމާއި އަދި މުހިންމު ކަންކަން ނިންމުމުގައި، އަންހެނުން ކުރީސަފުގައި ފެނިގެންދާނެ ކަމަށް އެމްއާރުއެމުން އުންމީދުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ އަންހެން ބޭފުޅުން ވާދަކުރެއްވުމަށް އެޕާޓީން ވަނީ ގޮވާލައިފައެވެ.
އެމްއާރުއެމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވުމަށް ފުރުސަތު ހޯދައިދިނުމަށް އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އެމްއާރްއެމްގެ އަސާސީ ގަވާއިދުގައި، އެ ޕާޓީގެ ހުރިހާ ކޮމެޓީތަކުގައި 50 އިންސައްތަ އަންހެނުން ތިބެން ޖެހޭނެ ކަމަށް ކަނޑައެޅިފައިވާ ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.