އެޑެން ހަޒާޑް

ކްލެސިކޯ މެޗުގައި ހަޒާޑް ނުފެނިދާނެ!

ރެއާލް މެޑްރިޑްގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް ލިބުނު އަނިޔާއާ ގުޅިގެން ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ "އެލް ކްލެސިކޯ" މެޗުގައި އޭނާ ނުފެނިދާނެ ކަމަށް ރެއާލުން ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ފޯވަޑް ހަޒާޑުގެ ފަޔަށް އަނިޔާވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ހެދި ފުރަތަމަ ޓެސްޓުތައް ދެއްކި ގޮތުގައި ހަޒާޑުގެ އަނިޔާ ސީރިއަސްއެއް ނޫނެވެ. ނަމަވެސް ފަހުން ހެދި ޓެސްޓުތަކަށް ބެލުމަށްފަހު ރެއާލްގެ މެޑިކަލް ޓީމުން ބުނެފައިވާ ގޮތުގައި އިތުރު ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ.

ރެއާލްގެ ރަސްމީ ވެބްސައިޓުގައި އެކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ފަހުން އިތުރު ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި ރިކަވަރީގައި އިތުރު ދުވަސްތަކެއް ހަޒާޑް ހޭދަކުރަން ޖެހޭނެ ކަމަށެވެ. އަދި ރިކަވަރީގެ ކަންތައް އެ ކްލަބުގެ މެޑިކަލް ޓީމުން ގާތުން ބަލަމުންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޗެލްސީ ދޫކޮށް މިސީޒަނުގައި ރެއާލްއާ ގުޅުނު ހަޒާޑަށް މިމަހުގެ 18 ވަނަ ދުވަހު ބާސާއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ފުރަތަމަ ކްލެސިކޯ މެޗެވެ. އެ މެޗުގެ ކުރިން ސްޕެނިޝް ލަލީގާގައި އެސްޕާނިޔޯލް އާއި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ކްލަބު ބްރޫޖްއާ ދެކޮޅަށް ކުޅޭ މެޗު ވެސް އޮންނާނެއެވެ.

މިސީޒަނުގައި ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާގެ މައްސަލަތައް ގިނަވުމެވެ. މިވަގުތު އަނިޔާގައި ތިބި މުހިންމު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލް ޑިފެންޑަރު މާސެލޯ ވެސް ހިމެނެއެވެ.