މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް ައހަރު ދުވަހުގެ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމާ ބައްދަލުކުރެއްވުމަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގަންނަވާފައިވާތީ، ހޯމް މިނިސްޓްރީން މިއަދު ޖާބިރަށްވަނީ ޖަވާބު ދެއްވައިފައެވެ.
ޖަވާބު ދެއްވައި ހޯމް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް ޖާބިރުގެ ސިޓީގައި އެދިލައްވާފައިވާ ހައިސިއްޔަތުން ބަންދުގައި ހުންނަ މީހުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދެވޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.
އަދި ރައީސް ޔާމީންގެ ފަރާތުން އެފަދަ ބައްދަލުވުމެއް ހަމަޖައްސިދިނުމަށް އެދިވަޑައިގެންފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލުމާތު ދީފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.
އެހެންކަމުން ޖާބިރު އެދިވަޑައިގެންނެވި ގޮތަށް އެ ބައްދަލުވުން ހަމަޖައްސައިދެވެން ނެތް ކަމަށް ސިޓީގައި ބުނެފައިވެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ހުކުމް ކޮށް ފަސްް މިލިޔަން ޑޮލަރުން ރައީސް ޔާމީން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ނޮވެމްބަރު 28 ގައެވެ.
ރައީސް ޔާމީނަށް ހުކުމް ކުރުމާ ގުޅިގެން ޔައީސް ޔާމީނާ ބައްދަލު ކުރެއްވުމުގެ ފުރުސަތަކަށްއެދި ޖާބިރު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ސިޓިއެއް ފޮނުވައިފައެވެ.
އެ ސިޓީގައި ޖާބިރު ވިދާޅުވެފައިވަނީ ޑީއާރުޕީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް ޔާމީންގެ ހާލު ބައްލަވައިލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެފުރުސަަތު ދެއްވުމަށް ހޯމް މިނިސްޓަރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.