ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކަށް އިއްޔެއިން ފެށިގެން ލިޔުން ދޫކުރަމުން ދިޔަ ނަމަވެސް އެކަމާ ބެހޭ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށް އޭސީސީން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ އެކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް އޮންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެފަދަ ޝަކުވާއެއް އަދި ލިބިފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ލިޔުން ހަވާލުކުރުމަށް މިހާރު ކުރިޔަށް އެދާ ޕްރޮސެސް އަކީ ކުރީއްސުރެ ފެށިގެން އަންނަ ޕްރޮސެސްއެއް ކަމަށެވެ.
"ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކުރުން ފެށިގެން ކުރިޔަށް ދާތާ ދުވަސްކޮޅެއް ވެއްޖެ. ކުރީން ދޫކުރި ލިޔުންތަކާ ގުޅިގެން ބައެއް ކަހަލަ ޝަކުވާ ލިބިފަ އެބަ ހުރި. އިއްޔެ ދޫކުރަން ފެށި ލިިޔުންތަކާ ގުޅޭ ޝަކުވާއެއް އަދި ނުލިބޭ." ލުތުފީ ވިދާޅުވި އެވެ.
ސަރުކާރު މުވައްޒަފުންގެ ތެރެއިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް އިއްޔެއިން ފެށިގެން އަންނަނީ ލިޔުން ދޫކުރަމުންނެވެ. އެ ގޮތުން އިއްޔެ ފެށި މަސައްކަތް ނުނިމޭތީ ރޭ ވެސް ވަނީ އެ މަސައްކަތް ކުރިޔަށް ގެންގޮސްފަ އެވެ. އަދި މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ލިޔުން ދޫކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.