ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލް، (އޭޖީ) އޮފީހުން މި ބިލު ރައީސް އޮފީހަށް ފޮނުވާފައިވާކަން އާންމުކޮށްފައިވަނީ އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާ މި ބިލަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެ ގާނޫނު ތަންފީޒު ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ހުށަހަޅާ ބިލެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލުގައި މި ގާނޫނަށް އިތުރު ކުރަން ޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށާއި، އެ ގާނޫނު ފުރިހަމަކުރުމަށް ބޭނުން މުހިއްމު ކަންކަން ފުރިހަމަ ކުރުމަށް ގާނޫނަށް އިސްލާހު ގަނުމަށް މި ބިލުގައި ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ހަމަ އެ އަހަރު ނޮވެމްބަރު މަހު ތެރޭ ވަނީ އެ ގާނޫނަށް އިސްލާހެއް ގެނެސްފަ އެވެ.