ރައްޔިތުންގެ މަޖިލިސް

ބަޖެޓް ކަމަކު ނުދޭ، ވޯޓެއް ނުދޭނަން: ޖާބިރު

އިބްރާހިމް ޒަކީ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ކަމުނުދާ ކަމަށާއި، ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު ޖާބިރު ވިދާޅުވީ، ބަޖެޓަށް ވޯޓު ނުދެއްވަން ނިންމެވީ ހާސިލްކުރަންޖެހޭ އެއްވެސް ކަމެއް ނެތުމުންނާއި ނިމިދިޔަ ބަޖެޓަށް ވީގޮތް ފިނޭންސް މިނިސްޓަރު ވިދާޅުވެދެއްވާފައި ނުވާތީ ކަމަށެވެ.

ޖާބިރު ވިދާޅުވީ ބަޖެޓެއް ތައްޔާރު ކުރުމުގެ ގާބިލުކަން އެކަން ކުރި ފަރާތްތަކަށް ލިބިފައިނުވާ ކަމަށާއި އެކަުގެ ތަމްރީން އެފަރާތްތަކަށް ދޭން ޖެހޭ ކަމަށެވެ. އަދި ބަޖެޓު އޮތީ ކަމުދާ ގޮތަށްނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ބަޖެޓް އޮޕަރޭޓް ކުރަންވާނީ ރައްޔިތުންގެ ހެވާ ލާބަޔަށް ކަމަށެވެ. އަދި އޮޕަރޭޓް ކުރެވޭއިރު ރާއްޖޭގައި ހުރި ގެއްލުންވާ ކުންފުނިތައް އުވާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ދައުލަތުގެ ހަރަދު ކުޑަކޮށް ސަރުކާރުގެ ސައިޒުވެސް ކުޑަކުރަން ޖެހޭ ކަމަށެވެ. ނޫންނަމަ ބަނގުރޫޓުވެ ލެންޑިން އެޖެންސީތަކުން އެހީދިނުން ހުއްޓިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ދިރާސާކޮށް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު، 366 މިލިޔަން ރުފިޔާ ވަނީ އިތުރު ކޮށްފައެވެ. އެހެެންކަމުން ބަޖެޓް ވަނީ 37.7 ބިލިޔަނަށް އިތުރު ވެފައެވެ.