އިބްރާހިމް ޒަކީ
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓަށް 366 މިލިޔަން ރުފިޔާ މަޖިލީހުން އިތުރުކޮށް، 37.8 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފިއެވެ.
މަޖިލީހުން ބަޖެޓް ފާސްކުރީ، ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 77 މެންބަރުންގެ އަގްލަބިއްޔަތުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ ނެމްބަރެކެވެ.
އެއީ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.
މިއަދު ކުރިއަށް ގެންދިޔަ ބަޖެޓް ބަހުސްގައިވެސް، ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.
ބަޖެޓަށް އިތުރުކުރި 366 މިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ ޕްރޮގްރާމުތަކަށާއި އޮފީސްތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް އިތުރުކޮށްފައިވާ ފައިސާއެވެ. މި ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނާފައި ވަނީ ޓީބިލް ވިއްކައިގެންކަމަށެވެ.
މި ބަޖެޓްގައި، ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާއެވެ.
ބަޖެޓް ޑެފިސިޓް ވާނީ 5.7 ބިލިއަން ރުފިޔާއިންކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ބްލޮކް ގްރާންޓްގެ އުސޫލުން ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.