ބޮލީވުޑް

ޑޯލާރޭ ލަވަ އައިޝްވަރިޔާ ޝޫޓް ކުރީ ކަންފަތުން ލޭ އަންނަމުން ދަނިކޮށް

ސުޕާ ހިޓް ފިލްމު ދޭވްދާސްގެ އައިކޮނިކް ލަވަ "ޑޯލާ ރޭ ޑޯލާ" ގައި ބަތަލާ އައިޝްވަރިޔާ ރާއީ އާއި މަދޫރީ ޑިކްސިޓް ވަނީ މޮޅު ނެށުމެއް ދައްކައިދީފައެވެ.

ކޮންމެ މޮޅު ކަމެއްގެ ފަހަތުގައިވެސް އެކި ކަހަލަ ސިއްރުތައް ހުންނަ ފަދައިން މިލަވައިގެ ފަހަތުގައިވެސް އެފަދަ ކަންކަން ހުންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އައިޝްވަރިޔާ ލަވައިގެ ޝޫޓިން ކުރިއަށް ގެންދިޔައީ އޭނާގެ ކަންފަތުން ލޭ އަންނަމުން ދަނިކޮށެވެ. ކަންފަތުން ލޭ އަންނަން ދިމާވީ އޭނާ އަޅާފައިހުރި ބަރު ގަހަނާ ތަކުގެ ސަބަބުންނެވެ. އެ ގަހަނާ ތަކަކީ ޓްރެޑިޝަނަލް އެޓަޔާގައި ހިމެނޭ ގަހަނާތައް ކަމުން އެއާ ނުލައި ލަވަ ފުރިހަމައެއް ނުވެއެވެ. އެހާލަތުގައި ހުރެ ލަވަ އެއްކޮށް ޝޫޓްކޮށް ނިންމާލި އިރުވެސް އައިޝްވަރިޔާ އެއްވެސް ވަރަކަށް އޭނާއަށް ވާ ތަދު އެހެން މީހަކާ ހިއްސާކޮށްފައި ނުވާކަމަށް ވެއެވެ. މުޅިލަވަ ކާމިޔާބު ކަމާއެކު ޝޫޓް ކުރެވިގެން ދިޔައެވެ.

މި ލަވަ ކޮރިއޯގްރާފް ކޮށްފައިވަނީ ސަރޯޖް ޚާންއެވެ. ލަވަ ކުޅެފައިވަނީ އިންޑިއާގައި ފާހަގަ ކުރާ ދުވަހެއް ކަމަށްވާ ދުރްގާ ޕޫޖާ ހަފުލާއެއް ގޮތަށް ހަދާފައިވާ ސެޓެއްގައެވެ. ދެތަރިންވެސް ލަވަ އެންމެ ފުރިހަމަ ކުރުމަށް ގިނަ ރީޓޭކް ތަކެއް ނެގިކަމަށް ވެއެވެ. ލަވައިގައި ކަތަކް އަދި ބާރަތުނާތިޔަމްގެ ގިނަ ސްޓެޕްސްތަކެއް ހިމެނިފައިވެއެވެ.

މި ލަވަ އަށް ސަރޯޖަށް ވަނީ އިންޑިއާގެ ގައުމީ އިނާމްވެސް ލިބިގެން ގޮސްފައެވެ.