ޕާލިމެންޓޭރިއަންސް ފޯރ ގްލޯބަލް އެކްޝަން (ޕީޖީއޭ)ގެ ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު ވެއްޖެއެވެ.
ޕީޖީއޭ އިން ދެމުން އަންނަ ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑަކީ ޑިމޮކްރަސީ ވަރުގަދަ ކުރުމަށްޓަކައި ކުރާ މަސައްކަތް ފާހަގަކޮށް ދޭ އެވޯޑެކެވެ. ޕީޖީއޭ އިން މިއަހަރު އެ އެވޯޑު ދިން ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ މަހުލޫފެވެ.
އެ އެވޯޑު ހާސިލްކުރެއްވުމަށްފަހު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އެވޯޑު ހާއްސަކުރަނީ އޭނާގެ ދަރިކަނބަލުންނާއި އަނބިކަނބަލުން ނަޒޫ ނަސީމާއި ޖަލުގައި ދަތި ދުވަސްތަކެއް ހޭދަކޮށް މަރުވެގެންދިޔަ މީހުންނަށް ކަމަށެވެ. އަދި ޑިމޮކްރަސީއާއި، އިންސާނީ ހައްގުތައް އަދި ރާއްޖޭގެ ގާނޫނު ނެގެހެއްޓުމަށް މަސައްކަތްކުރި އެންމެންނަށް ވެސް އެވޯޑު ހާއްސަކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފު ވަނީ ޑިމޮކްރަސީއަށް ފާއިތުވެދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މަހުލޫފު ވަނީ ގާނޫނުތައް ނަގެހެއްޓުމަށާއި އިންސާނީ ހައްގުތަކަށް ފާޅުގައި ގޮވާލައްވައިފައެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދެ ދައުވާއެއް ސާބިތުވުމާ ގުޅިގެން، މަހުލޫފު ދިހަ މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. މަހުލޫފު މިނިވަންވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ އިތުރުން ވެސް ފާއިތުވެދިޔަ އަހަރުތަކުގައި ގިނަ ތުހުމަތުތަކެއްގައި މަހުލޫފު ހައްޔަރުކޮށްފައިވެއެވެ.