ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމްއިން މަސައްކަތް ކުރާނެ ކަމަށް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސްއިން މިއަދު ހެނދުނު އިއުލާން ކުރި ވަގުތީ ނަތީޖާގައި ވާ ގޮތުން، އިންތިހާބުގައި ވާދަ ކުރެއްވި މިހާރުގެ ރައީސް، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައި ވަނީ 1،34،616 ވޯޓު ލިބިފައިވެއެވެ.
އިދިކޮޅު އިއްތިހާދުން ބޮޑު ތަފާތަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައިވާ އިރު، ޕީޕީއެމްއިން ވަނީ މިއަދުގެ ހާއްސަ ޕްރެސްކޮންފަރެންސެއް ބާއްވާފައެވެ.
މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމް ދެން މަސައްކަތް ކުރާނީ ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށާއި، އެޕާޓީ ހިނގާނީ ރައީސް ޔާމީނުގެ ލީޑާޝިޕްގައި ކަމަށެވެ.
"ޕީޕީއެމް ދެންވެސް ދައްކަމުންދާނީ ސަރުކާރު ހިންގުމުގައިވެސް ދެއްކި ނަމޫނާ މަންޒަރު. އިދިކޮޅު ޕާޓީއެއްގެ ގޮތުގައިވެސް މިސާލު ދައްކަމުންދާނީ. އަޅުގަނޑު އާންމު މެމްބަރުން ކައިރީގައިވެސް ބުނަން އޮތީ ސާބިތުވެ ތިއްބަވާށޭ. ޕީޕީއެމް ދާނީ ވަރަށް ބާރަށް ކުރިއަށޭ. ހާއްސަކޮށް ރައީސް ޔާމީންގެ ލީޑާޝިޕާއެކުގައި ކަންވެސް ބުނެލަން،" ނިހާން ބުންޏެވެ.
ޕީޕީއެމްގެ ފަރާތުން ޕާޓީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް އިދިކޮޅުގައި ކުރިއަށް ގެންދާނީ ޒިންމާދާރު ކަމާއެކުގައި ކަމަށާއި، މަޝްވަރާގެ މޭޒުން ނިންމަން ޖެހޭ ކަންކަން ނިންމާނީ މަޝްވަރާގެ މޭޒު ދަށުން ކަމަށާއި، މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރަން ތައްޔާރު ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ޕީޕީއެމް ސިޔާސީ ހަރަކާތުން ނުގެއްލޭނެ ކަމަށާއި، ރައީސް ޔާމީނަކީ އަދިވެސް މި ގައުމުގައި ހުރި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، ރައްޔިތުން ނިންމި ނިންމުމަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި، އަދިވެސް އާންމު މެމްބަރުންނަށް މި ގޮވާލަނީ ޕީޕީއެމްއާއެކު ތިބުމަށްވެސް އަދުރޭ ވިދާޅުވިއެވެ.