ގާނޫނުން ރައީސުލް ޖުމްހޫރިއްޔާ އުފައްދަން ޖެހޭ، ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ބަދަލުގެންނަން ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފިއެވެ.
ޖީހާން އިސްލާހު ހުށަހަޅުއްވާފައި ވަނީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަށެވެ.
އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ 14 މެންބަރުންގެ ކޮމިޓީ މިހާރު އެކުލަވާލާފައިވާ ގޮތް:
- ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރެއް
- ސުޕްރީމް ކޯޓުން ކަނޑައަޅާ އެކޯޓުގެ ފަނޑިޔާރެއް
- ހިއުމަންރައިޓްސް ކޮމިޝަނުން ކަނޑައަޅާ އެ ކޮމިޝަންގެ މެންބަރެއް
- މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުއައްޒިފެއް
- އެޓާނީ ޖެނެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
- ޕްރޮސިކިއުޓާ ޖެނެެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
- ކޮންޓްރޯލާ ކަނޑައަޅާ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ މުވައްޒިފެއް
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކަނޑައަޅާ އެ މިނިސްޓްރީގެ މުއައްޒިފެއް
- މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަނޑައަޅާ އެ ސާވިސގެ އޮފިސަރެއް
- މޯލްޑިވްސް ކަސްޓަމްސް އިން ހުށަހަޅާ އެ ސާވިސްގެ އޮފިސަރެއް
- ލޭބާ ރިލޭޝަން އޮތޯރިޓީން ހުށަހަޅާ އެ އޮތޯރިޓީގެ މުވައްޒިފެއް
- މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ އެ މިނިސްޓްރީގެ މުއައްޒިފެއް
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހަޅާ އެ މިނިސްޓްރީގެ މުވައްޒިފެއް
- މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ އަކުން ހުށަހަޅާ އެ ޖަމްއިއްޔާގެ މެންބަރެއް
ޖީހާން ވިދާޅުވީ ގާނޫނަށް މި އިއްލާހު ހުށަހެޅުމުގެ ބޭނުމަކީ ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ބައްދަލުވުންތައް ނުބޭއްވި ލަސްވަމުންދާތީ އާއި، ކޮމިޓީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ތަކުގައި ކޮންމެހެން ލަފާ ބޭނުންވާ ފަރާތްތަކާއި، މަސްލަހަތު ފުށުއަރާ މުއައްސަސާތައް އެ ކޮމިޓީގައި ހިމެނުމުން ކޮމިޓީގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ބައްދަލުވުންތައް ނުބޭއްވޭތީ އާއި އެ ކޮމިޓީގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ.
އަށް މެންބަރުންނަށް މަދުކޮށް ޖީހާން ހުށަހަޅުއްވާފައިވާ ކޮމިޓީ އެކުލަވާލާފައިވާގޮތް:
- މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒިފެއް
- އެޓާނީ ޖެނެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
- ކޮންޓްރޯލާ ކަނޑައަޅާ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ މުވައްޒިފެއް
- މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަނޑައަޅާ އެ ސާވިސގެ އޮފިސަރެއް
- ލޭބާ ރިލޭޝަން އޮތޯރިޓީން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒިފެއް
- މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ އެ މިނިސްޓްރީގެ މުއައްޒިފެއް
- މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ އަކުން ހުށަހަޅާ އެ ޖަމްއިއްޔާގެ މެންބަރެއް
- މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒިފެއް