ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފިއެވެ.
ގާނޫނުއަސާސީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު ވަކި ކުރެވޭނީ އެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑަައިގެން ތިއްބެވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަކުން ކަމަށެވެ.
ޣަނީ ފަނޑިޔާރުކަމުން ވަކިކުރަން ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 66 މެންބަރުން އޭނާ މަގާމުން ވަކި ކުރަން ވޯޓު ދެއްވިއެވެ. ޣަނީ މަގާމުން ވަކިކުރަން ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ.
ޣަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމުންތަކެއް ނިންމާފައިވާއިރު އެ ނިންމުންތަކުގައި ޣަނީ ބައިވެރިވެ ވަޑައިގެންފައިވާ ކަމަށްބުނެއެވެ. ޖޭއެސްސީން ވަނީ އެމައްސަލަ ބަލައިފައެވެ.
ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން މަޖިލީހުން މިއަދު ފާސްކުރިއިރު، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރީވެސް ޖޭއެސްސީން ފޮނުވައިގެން ރައްޔިތުންގެ މަޖިލީހުންނެވެ.
އޭގެ ކުރިން އޮގަސްޓް 28ގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވެސް ވަނީ ވަކިކޮށްފައެވެ.
މިހާރު ސުޕްރީމް ކޯޓުން ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމަށާއި، ފަނޑިޔާރު ކަމުުގެ މަގާމަށް ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭފުޅުން އައްޔަންކުރަން ރުހުންދޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް ޖަލްސާގައި އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އަހުމަދު މުއުތަސިމް އަދުނާނު އައްޔަންކުރުމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.