އިބްރާހިމް ޒަކީ
މަހަކު 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމްޓެކްސް ނެގުމަށް ކަނޑައަޅައި، އާމްދަނީން ޓެކްސް ނެގުމުގެ ބިލު (އިންކަމްޓެކްސް ނެގުމުގެބިލު) ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފިއެވެ.
މި ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފަށާނީ، ރައީސުލް ޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ހިމެނުމަށް ފަހު، އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މަޖިލީހުން ގެނައި އިސްލާހު ތަކާއެކު މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލް ފާސްކުރަން ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވިއެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މި ބިލް މަޖިލީހަށް ހުށަހެޅުއްވީ 40،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށް ހިމަނައިގެންނެވެ.
ބިލު ފާސްކޮށްފައި ވަނީ މަހެއްގެ މައްޗަށް 60،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އާމްދަނީލިބޭ މީހުންގެ އަތުން އާމްދަަނީގެ 5.5 ޕަސެންޓު ޓެކުހުގެ ގޮތުގައި ނެގުމަށެވެ. އަދި 100،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީން އަށް ޕަސެންޓް، 150،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީން 12 ޕަސެންޓު އަދި 200،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީން 15 ޕަސެންޓް ނެގުމަށެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އިންކަމް ޓެކްސް ނަގައިގެން އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.