ރާއްޖޭގެ ޖަލުތަކަށް ތާސްބައި ވެއްދޭނެ ކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެކަމަށް ހުއްދަ ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު މިހެން ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމާ ގުޅުވައިގެންނެވެ. ނަޝީދު މިހެން ވިދާޅުވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ދެއްކެވި ވާހަކަ ތަކަކާ ގުޅުވައިގެންނެވެ.
ބަހުސްގެ ތެރެއިން ފާޑު ވިދާޅުވެ ރާއީ ވާހަކަ ދެއްކެވީ، ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި ވޭތުވެދިޔަ ދެ ދުވަހު މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖު ކުރެއްވި މެންބަރުންނާއި، ރައީސް ޔާމީން ތާސް ކުޅުއްވާކަމަށް ދައްކާ ވާހަކަ ތަކާ ގުޅުވައިގެންނެވެ.
ރާއީ ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުމުން މަޖިލިސް ތެރޭގައި އުފާ ފާޅު ކުރަމުންދިޔަ މެންބަރުން މިއަދު މަޖިލީހުން ނުފެންނަ ކަމަށެެވެ. އަދި ރައީސް ޔާމީން ލިބިގެން ދަނީ ހައްގު އަދަބު ކަމަށާއި، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާއިރު، އެމަނިކުފާނަށް ތާސްބައި ފަދަ ތަކެތި ބަރާބަރަށް ކުޅުއްވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއީގެ ވާހަކައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ޖަލުތަކުގެ ކަންކަމާ ގުޅޭ ގަވާއިދުތަކާ އެއްގޮތަށް ޖަލަށް ތާސްބައި ވެއްދޭނެ ކަމަށެވެ. އަދި އެކަމަކީ އިންތިޒާމް ކުރެވިފައިވާ ތަރުތީބުން ކަރެކްޝަނަލް ސާވިސް އާއި ގުޅިގެން ކުރެވޭނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ގާތް ތިމާގެ މީހަކު ނުވަތަ އަނބިދަރިންނަށް ވިޔަސް، ކަރެކްޝަންސް އަށް ލިޔުމުން އެކަމުގެ ހުއްދަ ދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.