އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

މުސްތަޝާރުކަން ގެއްލުނަސް ޕީޕީއެމް ހިންގުމުގެ ބާރު ކައުންސިލުން ދީފައި ވަނީ ޔާމީނަށް: އަދުރޭ

ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމުމާ އެކު ޕީޕީއެމްގެ މުސްތަޝާރު ކަމުގެ މަގާމު ގެއްލިވަޑައިގަތަސް އެޕާޓީ ހިންގުމުގެ ބާރު އޮންނާނީ އަދި ވެސް އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، ޕާޓީގެ މުސްތަޝާރުކަން އެބޭފުޅަކަށް ލިބިވަޑައިގަންނަވާނެ އެވެ. އެހެން ކަމުން ރައީސް ޔާމީންގެ ރިޔާސީ ދައުރު މާދަމާ ހަމަވުމުން ޕީޕީއެމްގެ މުސްތަޝާރުކަން އެމަނިކުފާނަށް ގެއްލިވަޑައިގަންނަވާނެ އެވެ. އެހާ ހިސާބުން އެމަނިކުފާނަކީ ވެސް ޕާޓީގެ އާންމު މެންބަރެކެވެ.

"ވަން އޮންލައިން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ ދާދި ފަހުން ޕީޕީއެމް އިން ބޭއްވި ކުއްލި ގައުމީ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަނުން ނިންމި ނަމަވެސް، އޭގެ މާ ކުރީން އެހެން ނިންމުމެއް ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

"2016 ވަނަ އަހަރުގެ އޮކްޓޯބަރު 16 ގައި އަޅުގަނޑުމެންގެ ކައުންސިލުން އޮންނާނީ ނިންމާފަ ޕާޓީގެ ކޮންގްރެސްއެއް ބާއްވައި ރަސްމީ މަގާމު ތަކަށް މީހުން އިންތިޚާބުކުރެވެންދެން ޕާޓީ ހިންގަވާނީ ޔާމީން އަބްދުލް ގައްޔޫމް ކަމަށް. އެހެންވީމަ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަނުން ބަލައިނުގަތަސް، މި ދެންނެވި ކައުންސިންގެ ނިންމުން ސައްހަ ވާނެ އަދި ދެމިއޮންނާނެ. އަނެއްކާވެސް އެންގޭނީ ގަވައިދާ އެއްގޮތަށް ކޮންގްރެސް ބާއްވަން." އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް ގެ ލީޑަޝިޕާ މެދު ގޮތެއް ނިންމުމުގެ މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގަ އެވެ. ކޯޓު މަރުހަލާގައި މައްސަލަ އޮއްވައި، ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވެ، ޕާޓީގެ މުސްތަޝާރުކަން ގެއްލިވަޑައިގަތުމުން ދެން ޕާޓީ ހިންގަން ޖެހޭނީ ކާކުތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.