މަރުތައް ތަހުގީގުކުރާ ކޮމިޝަން

ޑރ. ޝަހީމްގެ މައްޗަށް ދައުވާ ކުރަން މަރު ކޮމިޝަނުން ޕީޖީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

އަވަހާރަ ކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައި ވާތީ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ކޮމިޝަނުން އާއްމު ކުރި އިރު، ޑރ. ޝަހީމްގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.

ރިޕޯޓްގައި ވާ ގޮތުން އަވަހާރަކޮށްލި ރޭ ޑރ. އަފްރާޝީމް އަރާވަޑައިގެންނެވި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދަވައި ދެއްވީ ޑރ .ޝަހީމު ކަމަށް ވިދާޅުވެ ދެއްވި ބަޔާނާ ބެހޭގޮތުން ފުށުއެރުންތަކެއް ވަނީ ފާހަަގަ ކުރެވިއެވެ.

އޭގެ ތެރޭގައި އެކަމާ ގުޅޭގޮތުން މެސެޖުން ކޮށްފައިވާ މުއާމަލާތްތައް ބަލައި ކޮމިޝަނުން ކުރި ތަހުހީގުން އެ މައްސަލައިގައި ޑރ. ޝަހީމު ކޮމިޓީއަށް ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް އެ ރިޕޯޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

މަރުގެ ރިޕޯޓް ދިރާސާކޮށް ކޮމިޓީން ނެރުނު ރިޕޯޓްގައި ފިޔަވަޅު އަޅަން ކަނޑައަޅާފައިވާ މީހުންގެ ތެރޭގައިވެސް ޑރ. ޝަހީމު ހިމެނިވަޑައިގަންނަވައެވެ.

މަރު ކޮމިޝަނުގެ ރިޕޯޓްގައިވާ ކަންތައްތަކާ ގުޅިގެން ޑރ. ޝަހީމު ވިދާޅުވެފައިވަނީ އެ ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަދި މަޖިލިސް ކޮމިޓީން ކުރި ތުހުމަތުތަކާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ އެއީ އޭނާގެ އަބުރު ކަތިލުން ކަމަށެވެ. އިންސާފު ލިބޭނެކަން ޔަގީންވާ ދުވަހަކުން އަބުރު ކަތިލި މީހުންނާއި ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައި އޮއްވައި ފެނުނު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މޭސްތިރިން ކަމަށް ތުހުމަތުކުރެވޭ ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މަރުތަކާ ބެހޭ ކޮމިޝަނުން އިއްޔެވެސް ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.

މަރު ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އެ ތިން މީހުން މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި، ސާމިތު މުހައްމަދަށް ކަމަށެވެ. އަދި އެ ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ކުރަން ޖެހޭ ކަންކަން ކޮށްދެއްވުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވާފައިވާ ކަމަށް މަރުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ބުނެފައިވެއެވެ.