ރައްޔިތުންގެ މަޖިލިސް

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުން ޣަނީ މިއަދު ވަކިކުރަނީ

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ގޮތެއް ނިންމާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ މައްސަލަ މަޖިލިސް ތަޅުމަށް ވަނީ ފޮނުވާފަ އެވެ.

ޣަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި ބުނެފައިވަނީ ޣަނީ ފަނޑިޔާރުކަމުން ވަކި ކުރުމަށް ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށެވެ.

އެ ރިޕޯޓް ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފައެވެ. މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަަޝީދު ވިދާޅުވީ ފަނޑިޔާރު ވަކި ކުރުމުގެ ކަންތައް މަޖިލީހުން މިއަދު ނިންމަވާނެ ކަމަށެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން ނިންމައި، 60 ދުވަހަށް އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.

ޖޭއެސްސީން ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމުންތަކެއް ނިންމާފައިވާއިރު އެ ނިންމުންތަކުގައި ޣަނީ ބައިވެރިވެ ވަޑައިގެންފައިވާ ކަމަށްބުނެއެވެ. ޖޭއެސްސީން ވަނީ އެމައްސަލަ ބަލައިފައެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފައެވެ. އަދި އޭގެ ކުރިން އޮގަސްޓް 28ގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވެސް ވަނީ ވަކިކޮށްފައެވެ.