މާލޭގައި ކުށްޔަށް އުޅޭ މާލީ ތަނަވަސްކަން ކުޑަ މީހުންނަށް ކުލީގެ ގޮތުގައި ދައްކާ ފައިސާގެ %70 ސަރުކާރުން ދޭން ޖެހޭގޮތަށް ކަނޑައަޅައި ގަރާރެއް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ހަމަޖައްސައިފިއެވެ.
މި ގަރާރު މާދަމާގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު އެވެ. މި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ބޮޑު އާބާދީއެއްގެ މީހުން ދިރިއުޅެނީ މާލޭގައި ކަމަށާއި، މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައެއް ހަރަދުކުރަން ޖެހެނީ ދިރިއުޅޭ ތަނަށް ކުލި ދެއްކުމަށް ކަމަށެވެ.
މާލޭގެ ކުލިތައް ދަނީ އަހަރުން އަހަރަށް ބޮޑުވަމުން ކަމަށް ގަރާރުގައި ފާގަކުރައްވާފައި ވެއެވެ.
މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅެމުން އަންނަ ފަރާތްތަކާއި، މާލޭގެ ރައްޔިިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެ ކެންޑިޑޭޓެއްގެ ވެސް ރިޔާސީ ވައުދެއްކަން ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ، ރައްޔިތުން އިންތިހާބުކުރި އެއްވެސް ސަރުކާރަކަށް ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު، އެ މައްސަލައަށް ހައްލެއް ގެނެސްދެވިފައި ނުވާ ކަމަށެވެ.
މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައިވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދު ހިމެނޭ ކަމަށާއި އެ ވައުދު ފުއްދުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 20،000 ހައުސިން ޔުނިޓު އެޅުމަށް ބަޖެޓުކޮށްފައިވާ ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.
އެހެންކަމުން، ދިވެހިންގެ ތެރެއިން މާލޭގައި ދިރިއުޅޭ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދެއްވާ ބޯހިޔާވަހިކަން ލިބުމާ ހަމައަށް ފާއިތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެފަރާތްތަކުން ހަރަދު ކުރަންޖެހިފައިވާ ފައިސާގެ އަދަދު އިންސާފުވެރިކަމާއެކު ބަލައި، އެއަދަދެއްގެ 70 އިންސައްތަ ސަރުކާރުން އެފަރާތްތަކަށް ލިބިގެންދާނެ ގޮތުގެ އިންތިޒާމުކުރަން ޖެހޭކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އެފަދަ އިންތިޒާމުތަކެއް މިހާރުން މިހަރަށް ހަމަޖައްސައި އެމަގުން އަމަލުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ޖާބިރު ހުށަހަޅާ ގަރާރުގައި ބާރުއެޅުއްވާފައި ވެއެވެ.