މަޖިލީހުގެ ރައީސް

އާ ފަނޑިޔާރުންނާއި ޕީޖީ ހޮނިހިރު ދުވަހު އައްޔަން ކުރެވޭނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓަށް އައްޔަންކުރާ އާ ފަނޑިޔާރުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް އަންނަ ހޮނިހިރު ދުވަހު ބޭފުޅުން އައްޔަން ކުރެވޭވަރު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހޮނިހިރު ދުވަހުން ފެށިގެން މަޖިލިސް، ޗުއްޓީއަށް ދާއިރު މިއަދާއި ހޮނިހިރު ދުވަހާ ދެމެދު މަޖިލީހުގެ މަަސައްކަތް ގިނަވެފައި ތަފާތުވާނެ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ލާމަރުކަޒީ ގާނޫނަަށް އިސްލާހު ގެނައުމުގެ ބިލާއި، 2020 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓްގެ މަސައްކަތް ނިންމަވާނެ ކަމަށެވެ.

އެހެންކަމުން ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް ޖަލްސާގައި އާ ފަނޑިޔާރުންނާއި ޕްރޮސިކިއުޓާޖެނެރަލް ކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވުމަށްފަހު މަޖިލިސް ދާނީ ޗުއްޓީއަށް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޕީޖީގެ މަޤާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި، އައިޝަތް ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމުން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބިޝާމް އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން، އެމަގާމަށް އައްޔަން ކުރަން ރައީސް މަޖިލީހަށް ފޮނުއްވި ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް އެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ރުހުންދީފައެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި، ޑރ. އަހުމަދު އަބްދުﷲ ދީދީ މަގާމުން ދުރު ކުރުމުންނެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ މަގާމުން ދުރުކުރީ ވެސް ރައްޔިތުންގެ މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަހުމަދު މުއުތަސިމް އަދުނާނު އައްޔަންކުރުމަށް ރައީސް ވަނީ މަޖިލީހަށް ފޮނުވައިފައެވެ.

މުއުތަސިމަށްވެސް ކޮމިޓީން ވަނީ ރުހުންދީފައެވެ. މީގެ އިތުރުން ހުސްވެފައިވާ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އަށްވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ރުހުންދީފައެވެ.