މާދަމާގެ ފަހުން ރައީސް ޔާމީން އަތުން ޕީޕީއެމްގެ މުސްތަޝާރުކަން ވެސް ދިޔައީ ކަމަށާއި އޭގެ ފަހުން އެއީ ޕީޕީއެމްގެ އާންމު މެންބަރެއް ކަމަށް އާމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.
ނާދިރާ އެހެން ވިދާޅުވީ މީގެ ކުޑަ އިރުކޮޅެއް ކުރީން އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
ނާދިރާގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ޕީޕީއެމްގެ އާންމު މެންބަރެއްގެ މަގާމުގައި ހުންނަވަން ބޭނުންފުޅު ނޫން ނަމަ ޔާމީން އިސްތިއުފާ ދެއްވަންވީ އެވެ. އެހެން ނަމަވެސް ޕާޓީގެ ދަރަންޏަށް ޒިންމާ ކުރުވާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.
ނާދިރާ މިހެން ވިދާޅުވި އިރު ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ނަމަ އެބޭފުޅަކަށް މުސްތަޝާރުކަން ލިބިވަޑައިގަންނަވާނެ އެވެ. އެހެން ކަމުން ރައީސް ޔާމީންގެ ރައީސް ކަމުގެ ދައުރު ހަމަވުމުން އެމަނިކުފާނަށް ޕާޓީގެ މުސްތަޝާރު ކަމުގެ މަގާމު ގެއްލިވަޑައިގަންނަވާނެ އެވެ.
ދާދި ފަހުން ބޭއްވި ޕީޕީއެމްގެ ގައުމީ ޖަލްސާގައި ވަނީ އެ މާއްދާ އުވާލައި މުސްތަޝާރުގެ މަގާމު ވެސް އުވައިލައިފަ އެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުންވަނީ އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން ނިންމައިފަ އެވެ.
ޕީޕީއެމްގެ ލީޑަރޝިޕާ މެދު ގޮތެއް ނިންމުމަށް އެ ޕާޓީގެ އާއްމު މެންބަރަކު ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ މިހާރު އޮތީ ހުކުމުގެ މަރުހަލާގަ އެވެ. އެ މައްސަލައިގެ ހުކުމް ކުރުން ރޭ ބާއްވަން އޮތް ނަމަވެސް ފަހު ވަގުތު ވަނީ ހުކުމް އިއްވުން ފަސްކޮށްފަ އެވެ.