ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލުމުން ހައުސިން މިނިސްޓްރީގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި، ހަމަނުޖެހުމެއް ހިންގައިފިއެވެ.
އެ ހަމަނުޖެހުން ހިންގާފައިވަނީ މިއަދު ހަވީރު 6:00ގައި ހައުސިން މިނިސްޓްރީން ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރުމުގެ މަސައްކަތް ހުއްޓާލުމާ ގުޅިގެންނެވެ. އެތަނުގައި މިހާރު ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ލިޔުމާ ހަވާލުވާން ދިޔަ މީހަކު "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ބުނީ އެ ސަރަހައްދުގައި މިނިސްޓްރީން ނުގުޅަނީސް ލިޔުން ބަލާ އައިސް ތިބި މީހުން އުޅޭ ކަމަށާއި ހަވީރު 6:00ގައި މަސައްކަތް ހުއްޓާލުމަށްފަހު މިރޭ 9:00ގައި އަލުން ލިޔުން ދޫކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް އެ މަސައްކަތް ފަށާފައި ނުވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "ހިޔާ މަޝްރޫއު"ގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ މަސައްކަތް މިރެއަށް ނުނިމިއްޖެ ނަމަ، މާދަމާ ވެސް އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ 12:00ގެ ކުރިން ފޯމުތައް ހަވާލުކުރުމުގެ މަސައްކަތް ނުނިމިއްޖެ ނަމަ، މާދަމާ މެންދުރު 12:00އާ ހަމައަށް އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެކަން ކުރަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ލަފާފުޅުގެ މަތިން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.