މުނިފޫހިފިލުވުން

ލިރިކްސް ހަނދާން ނެތުމުން ރާނޫއަށް ފާޑުކިޔުން

ރެއިލް ސްޓޭޝަނެއް ކައިރީ ލަވަކިޔަން އިން ރާނޫ ކުޑަ ވަގުތުކޮޅެއް ތެރޭ މަޝްހޫރު ވެގެން ދިޔައީ އޭނާ ލަވަކިޔަމުން ދަނިކޮށް މީހަކު އެވީޑިއޯކޮށް މީސް މީޑިއާއަށް ލުމުންނެވެ.

ގިނަ ބަޔަކަށް ރާނޫގެ އަޑު ލަތާ މަންގޭޝްކަރުގެ އަޑާ ވައްތަރުކަމަށް ބުނަމުން ދިޔައިރު އެކި ގޮތްގޮތުން ރާނޫއަށް ހުށަހެޅުންތައް ލިބި އެންމެ ފުރަތަމަ އޭނާގެ އަތުގަ ހިފި އެއް ފަރާތަކަށް ހިމޭޝް ރޭޝްމިއްޔާ ވެގެން ދިޔައެވެ.

ހިމޭޝް އަކީ ރާނޫގެ މެންޓާއޭވެސް ބުނެވިދާނެއެވެ. ރާނޫ ފުރަތަމަ ރަސްމީ ލަވައެއް ރިކޯޑް ކުރީ ހިމޭޝް އާއެކުއެވެ. އެ ލަވަ އަކީ "ތޭރީ މޭރީ" އެވެ. އޭގެ ފަހުން ރާނޫ ވަނީ އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައެވެ.

ނަމަވެސް އޭނާ އަކީ މީސް މީޑިއާގައި ދޭތެރެ ދޭތެރެއިން އެކި ކަންކަމުގައި ފާޑުކިޔުންވެސް ލިބެމުންދާ އެއްތަރިއެކެވެ.

އެގޮތުން މިފަހަރު މިވަނީ އޭނާ ފުރަތަމަ ރިކޯޑް ކުރި ލަވަ ކަމަށްވާ "ތޭރީ މޭރީ"ގެ ލިރިކްސް ހަދާންނެތުމުން އަމާޒުވި ފާޑުކިޔުންތަކެވެ.

އިވެންޓެއްގައި އޯޑިއަންސް ރާނޫ ކައިރީ އެދުނީ ބޭނުން ލަވައެއް ކިޔައިދިނުމަށެވެ. އޯޑިއަންސްގެ އެދުމުގެ މަތިން ރާނޫ ކިޔަން ފެށީ "ތޭރީ މޭރީ" ލަވައެވެ. ނަމަވެސް ލަވަކިޔަން ފެށުމުގެ ކުރިން އޭނާ ވަރަށް ގިނަ އިރު ހުއްޓިފައި ހުރުމަށްފަހު ލަވަ ހަނދާން ނެތް ކަމަށް ބުނިއެވެ.

ތެދުތެދަށް ރާނޫ އެހެން ބުނުމުން އެއްބަޔަކު އެކަން ޕޮޒިޓިވްކޮށް ނެގިއިރު އަނެއްބަޔަކު ފެށީ ހޭންށެވެ. މީސް މީޑިއާގައި އެކަން ވައިރަލް ވެފައިވަނީ މީމެއްގެ ގޮތުގައެވެ.