ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ތުރުކީގެ ނޫސްވެރިން ހިމެނޭ ގްރޫޕެއް ރާއްޖެ އަތުވެއްޖެއެވެ.
އެމް.އެމް.ޕީ.އާރު.ސީ.އިން ބުނީ މިއީ ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ތެރެއިން 21 ވަނަ ދަތުރުކަމަށެވެ.
މި ޓީމް ރާއްޖޭގައި މި ހިނގާ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހާއި ހަމަޔަށް ތިބޭނެކަމަށްވެސް އެމް.އެމް.ޕީ.އާރު.ސީން ވަނީ ބުނެފައެވެ. މި ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ކުރަމަތި މޯލްޑިވްސް، ކުރުނބާ މޯލްޑިވްސް އަދި މިރިހި އައިލެންޑް ރިސޯޓުގައެވެ. މި ދަތުރުގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ހަނީމޫން އާއި އިކޯ ޓުއަރިޒަމް އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާތަށް ދައްކުވައިދޭނެކަމަށްވެސް އެމް.އެމް.ޕީ.އާރު.ސީ.އިން ވަނީ ބުނެފައެވެ.
މި ޓީމްގައި ހިމެނެނީ ތުރުކީގެ ސަބާ ނޫސް، ޑެއިލީ ސަބާ، ޔޮލްޑަސިން އަދި އެޓްލަސް މެގަޒިންގެ ނޫސްވެރިންނެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 1،393،619 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މީގެތެރެއިން 8،059 ފަތުރުވެރިންނަކީ ތުރުކީއިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ. ރާއްޖެއަށް އާންމުކޮށް ޒިޔާރަތްކުރާ ބޮޑެތި މާކެޓުތަކުގެ އިތުރުން ތުރުކީ ކަހަލަ ކުދި މާކެޓްތަކުގައި ވެސް އެމް.އެމް.ޕީ.އާރު.ސީން ހަރަކާތްތަކެއްދަނީ ކުރިޔަށްގެންދަމުންނެވެ.
ތުރުކީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަށް މި އަހަރުު ކުރިޔަށްގެންގޮސްފައި ވެއެވެ. މި ގޮތުން ތުރުކީގައި ބޭއްވޭ އެންމެ ބޮޑު ޓުއަރިޒަމް ފެއާއެއް ކަމުގައިވާ އެމިޓްގައިވެސް ވަނީ ބައިވެރިވެފައެވެ.