(30 ނޮވެމްބަރުގެ އަދަދާ ގުޅޭ)
حسّان ސުވާލުކުރެއްވިއެވެ. "އަޅުގަނޑު މައްޗަށް ދިއުމުން ތިޔަބޭފުޅުންނަށް އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވާނެކަން ޔަޤީންތޯއެވެ؟"
"އާދޭހެވެ! އަދި އެއްވެސް ނުރައްކަލެއް ނެތެވެ. ނުރައްކަލެއް ކުރިމަތިވިޔަސް ކަލާ މިތަނަށް ވަޑައިގަންނަވާކަށް ލަހެއް ނުވާނެއެވެ."
حسّان ވިދާޅުވިއެވެ. "ނަމަވެސް سُهيل އަކަށް މައްޗަކަށް ނުދެވޭނެއެވެ."
"އޭނާ މައްޗަށް ވަޑައިގަތުމުގެ ބޭނުމެއް ނެތެވެ. އޭނާ ހޭފުޅުލައްވާއިރަށް ފަރީއްކޮޅު ފޮނުވިދާނެއެވެ. އޭނާ ތިރިއަށް ވަޑައިގަތީ ނާސްތާކުރައްވައިގެންނެވެ. އެކަމަކު ކަލާ މިހާރު ހުންނަވާނީ ބަނޑުހައިފުޅުވެފައެވެ." ماه بانو މިހެން ވިދާޅުވެފައި މައްޗަށް ވަޑައިގެންފިއެވެ.
ކާއޫސް ދެންނެވިއެވެ. "ކަލާ ހަމަޖެހިވަޑައިގަތުމާއެކު ހެދުންކޮޅު ބަދަލުކުރައްވާށެވެ. ކަލާ ހާމަ ވައިގެ ތެރޭގައި ހިންގަވައިލައްވަން ބޭނުންފުޅުނަމަ އަޅުގަނޑު ވަރަށް އަވަހަށް އައިސް ކަލާގެ އަރިހުގައި ބިންގަރާހުން ބޭރަށް ދާނަމެވެ. އަޅުގަނޑުމެން ކުޑައިކޮށް ހިނގައިލައިފައި އަންނާންވާއިރަށް ކަލާގެ ފަރީއްކޮޅުވެސް ތައްޔާރުވެދާނެއެވެ."
ކާއޫސް މައްޗަށް ހިނގައްޖެއެވެ.
+ + + + +
ގަޑިއެއްހާއިރުފަހުން حسّان މަތީގެ ކޮޓަރިއެއްގައި ފަރީއްކުޅުއްވަން އިންނެވިއެވެ. قبــاد އާއި އޭނާގެ ދަރިކަނބަލުން حسّان ގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގެން ތިއްބެވިއެވެ. حسّان ބައެއްފަހަރު ސިއްރުސިއްރުން އެބޭފުޅުންނާ ދިމާޔަށް ބައްލަވައިލައްވައެވެ. ކޮންމެފަހަރަކު އޭނާގެ ހުވަފެންފުޅުގެ ރާނީއާއި މުސްކުޅިފުޅު ވަޒީރުގެ ފޮޓޯފުޅު އޭނާގެ ސިކުނޑިފުޅުގައި އެނބުރޭން ފަށައެވެ.
ماه بانو ގެ ނިތްކުރިފުޅު އޭނާގެ ބައްޕާފުޅެކޭ އެއްގޮތަށް ތަނަވަހެވެ. އޭނާގެ މޫނުފުޅުގެ ކުލައަކީ ކިރުކުލައާއި ފިނިފެންމަލުގެ ކުލައާ ދެކުލަ އެއްވީމާ އުފެދޭ ކުލައެވެ. އިސްތަށިފުޅުގައި ހުންނަނީ ރަންކުލައަކަށްދާ ކުލައެކެވެ. ކުޑަކުޑަކޮށް އުފުލިފައިވާ މަތީ ބޮނޑިއަކާއި ތިރީ ބޮނޑިއެއްގެ ތެރޭގައި ދިގު އެސްފިޔަފުޅުތަކެއްގެ ޙިމާޔަތް ލިބިފައިވާ މުށިކުލައިގެ ބޮޑުބޮޑު ދެލޯފުޅު ބިއްލޫރިހައި ސާފެވެ. ވިދުން ގަދައެވެ. ކުޑައިކޮށް މައްޗަށް އުފުލިފައިވާ ނޭފަތްޕުޅު އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެއެވެ. އޭނާ ތުންފަތްޕުޅުގައި ވަނީ ދެބައިކުޅައެއްބަޔަށް ފޮޅިފައިވާ ފިނިފެންމަލެއްގެ ޗާލޫކަމާއި ތާޒާކަމެވެ. ހަމައެކަނި ވާހަކަފުޅު ދައްކަވާއިރު ފާޅުވާ ރީތި ދަތްޕިލާފުޅު މުތީތަކެއްހެން ވިދައި ބަބުޅައެވެ. ނަމަވެސް ހިނިފުޅުވަޑުވާއިރު އޭނާއަށް އެމުތީތައް ހާމަކުރައްވާކަށް ބޭނުންފުޅެއް ނުވެއެވެ. ތުންފަތްޕުޅަށް ގެންނަވާ ލުއިލުއި ހަރަކާތަކާއެކު އޭނާގެ ކޯތާފަތްޕުޅުގައި ރީތި ދެއަޑިކޮޅު އުފެދެއެވެ. ލޯފުޅު ވިދައިގަނެއެވެ. މޫނުފުޅުމަތިން ހިނިފުޅުވެޑުވުމުގެ އަސަރު ފުރިހަމައަށް ފާޅުވެއެވެ. حسّان އަށް އެންމެބޮޑަށް އަސަރުކުރުވަނީ އޭނާގެ އަޑުފުޅެވެ. އެއަޑުފުޅުގެ ފޮނިކަން އޭނާގެ ހިތްޕުޅުގެ އެންމެ އަޑިޔަށް ފުރާނަފުޅާ ހަމަޔަށް އިޙްސާސް ކުރެއްވެއެވެ. މީގެ އެއްދުވަސްކުރިން އޭނާ قبــاد ގެ ގަނޑުވަރުން ނުކުމެވަޑައިގެންނެވިއިރު ماه بانو ގެ މާސާފު ފޮޓޯފުޅެއް އޭނާގެ ހިތްޕުޅަށް ނެންގެވިފައެއް ނެތެވެ. މިހާރުވެސް އޭނާއަށް ހީފުޅުވަނީ ماه بانو އެއްހާސްފަހަރު ފެނިވަޑައިގަންނަވާފަހުން މީހަކު އޭނާގެ އަރިހުން ماه بانو ގެ އިސްކޮޅުފުޅާއި ބުރުސޫރަފުޅު ކިހިނެއްތޯ ފުރަތަމަ ބަލައިލުމުން އެގުނަވަނެއްގެ ރީތިކަމާއި ފުރިހަމަކަމުން އެންމެބޮޑަށް އަސަރުކުރުވި ގުނަވަނަކީ ނުވަތަ ވަނާތަކަކީ ކޮބައިތޯ އަހައިލިޔަސް އޭނާއަށް ރަނގަޅު ޖަވާބެއް ނުދެއްވޭނެހެންނެވެ. حسّان އަށް ހަމައެކަނި ވިދާޅުވެވޭނީ ماه بانو ވަރަށް ރީއްޗޭ މިފަދައިންނެވެ. ماه بانو ގެ ބައްޕާފުޅު حسّان އާ ދައްކަވާ ވާހަކަފުޅުގެ މައުޟޫޢަކީ ތޫރަޖާއި ހުރުމުޒުގެ އަނިޔާވެރިކަމުގެ ވާހަކައެވެ. ފަރީއްކުޅުއްވައި ނިމިވަޑައިގަތުމަށްފަހު حسّان قبــاد އާ ސުވާލުކުރެއްވިއެވެ. މަނިކުފާނު އަޅުގަނޑަށް ބޭރުގެ ޚަބަރުތަކެއް ވިދާޅުވެއެއް ނުދެއްވާނުތޯއެވެ؟"
حسّان ވިދާޅުވިއެވެ. "އެބައިމީހުން އަޅުގަނޑުމެންގެ އަވަށަށް ދިޔަކަމުގައިވާނަމަ އަޅުގަނޑު އެނބުރި އަތުވެއްޖެކަން ވަންހަނާވެފައެއް ނޯންނާނެއެވެ. އޭރުން سُهيل ގެ އެހީތެރިޔަކީ އަދި ތޫރަޖުގެ ޤާތިލަކީ ކާކުކަން ވިސްނައިގަތުން އެބައިމީހުނަނަކަށް އުނދަގުލެއް ނުވާނެއެވެ."
قبــاد ހަމަޖެހިވަޑައިގަތުމާއެކު ޖަވާބުދެއްވިއެވެ. "ތިޔަކަން އޮތީ އެބައިމީހުންނަށް އެނގިފައެވެ. އަޅުގަނޑު ކަލާގެ އަވަށަށް މީހަކު ފޮނުވީމެވެ. އެމީހާ ޚަބަރުދިން ގޮތުގައި ހުރުމުޒުގެ މުވައްޒަފުން ވަނީ ތޫރަޖުގެ ޤާތިލް ހޯދައިދިން މީހަކަށް ފަސްސަތޭކަ އަސްރަފީގެ އިނާމު ކަނޑައަޅައިފައެވެ. އެބައިމީހުން ކަލާ ފެނޭތޯ މިހިސާބުގަނޑުގެ އަވަށްއަވަށުގެ ބަދަލުގައި ހޯދަނީ ސަރަޙައްދީ އެކިތަންތަނެވެ. ކަންމިހެން ހުރުމާއެކު މިގެއަށްވުރެ ކަލާއަށް ރައްކާތެރިތަނެއް މިވަގުތަކު ނެތެވެ. ދުވަސްކޮޅެއްގެ ތެރޭގައި އެބައިމީހުންގެ ޖޯޝާއި ފޯރި ކުޑަވެދާނެއެވެ. އަޅުގަނޑަށް ކަލާ މިތަނުން ފޮނުވައިލެވޭނެ ގޮތަކާމެދު ވިސްނިދާނެއެވެ."
ކާއޫސް ކޮޓަރިޔަށް ވަދެއްޖެއެވެ. އޭނާ حسّان ގެ އަރިހުގައި ދެންނެވިއެވެ. "سُهيل ހޭފުޅުލައްވައިފިއެވެ. އޭނާ ކަލާއަށް އެބަވިދާޅުވެއެވެ." حسّان قبــاد އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ماه بانو ވިދާޅުވިއެވެ. "ކަލާ ވަޑައިގަންނަވާށެވެ. އަޅުގަނޑު އޭނާގެ ފަރީއްކޮޅު އެބަފޮނުވަމެވެ."
ކާއޫސް ބުންޏެވެ. "އަޅުގަނޑު އޭނާގެ އަރިހުގައި ފަރީއްކޮޅުގެ ވާހަކަ ދެންނެވީމެވެ. ނަމަވެސް ވިދާޅުވީ ބަނޑުހައިފުޅު ނުވާކަމުގައެވެ. އޭނާގެ ހުންފުޅުވެސް މަޑެއް ނުވެއެވެ. އޭނާގެ ޒަޚަމަށް ތަދުފުޅުވާތީވެސް އެބައުޅުއްވައެވެ."
قبــاد ވިދާޅުވިއެވެ. "އަޅުގަނޑު އޭނާއަށް ބޭސް އެބަފޮނުވަމެވެ. ކޮންމެހެންވެސް އޭނާ ބަނޑުހައިފުޅުވިޔަދީގެން ނުވާނެއެވެ. އެންމެ ކުޑަވެގެން ކިރުފޮދެއްނަމަވެސް ހިއްޕަވާތޯ ބަލާށެވެ. އަހަރެން ހަމަމިހާރު ތިރިޔަށްގޮސް އޭނާގެ ޒަޚަމް ބަލައިލާނަމެވެ.
+ + + + +
ރޭގަނޑު سُهيل ގެ ހާލުކޮޅު ފެންނަނީ ތަންކޮޅެއް ރަނގަޅުކޮށެވެ. حسّان ގަދައަޅުއްވައިގެން ދެތިން ސުވަލެއްހައިވަރު އަނގަފުޅަށް ލައްވައިފައި އޮށޯވެވަޑައިގެންފިއެވެ. ކާއޫސް ތަށިތައް ހިފައިގެން ދިއުމުން حسّان ވެސް އޮށޯވެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "سُهيل އެވެ. މިއަދު ބޭބެގެ ޠަބީޢަތުވެސް މާކަރަނގަޅެއް ނޫނެވެ. މިތާނގައި ބަލިވެދާނެތީ ވަރަށް ބިރުގަނެއެވެ. އަހަރެމެން މިތާ ގިނަދުވަހު ތިބޭންވެއްޖެނަމަ މިބައިމީހުން އިޙްސާސްކުރާނީ އަހަރެމެން އެބައިމީހުންނަށް ބޮޑު މުޞީބަތަކަށް ވެއްޖެކަމުގައެވެ. ބޭބެ އެދެނީ ކޮއްކޮ ވީހާވެސް އަވަހަކަށް ރަނގަޅުވުމެވެ. އޭރުން އަހަރެމެން ދާނީ ބަޙްރައިނަށެވެ. އެތާކު އަހަރެމެންނަކަށް އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ."
سُهيل ވިދާޅުވިއެވެ. "ބޭބޭއެވެ! އަޅުގަނޑު މާބެގެ ރަށެއް ނުދެކެމެވެ. ބޭބެ އީރާނުގެ ސިފައިންގެ ތެރެއަށް ވެދެވަޑައިގަތުމުން ބައްޕަ ކުޑަބޭބެ މާބެގެ އަރިހަށް ފޮނުއްވިއެވެ. އަޅުގަނޑު ކުޑަބޭބެއާއެކު ދާންވެގެން ވަރަށް ބޮޑާދެއްކީމެވެ. ނަމަވެސް ބައްޕަ ވިދާޅުވީ މަގު ވަރަށް ނާމާންކަމަށާއި ބޭބެ ހަނގުރާމަ ނިންމަވައިފައި ވަޑައިގަތުމުން އަޅުގަނޑުމެން އެންމެން އެކުގައި ބަޙްރައިނަށް ދާނީކަމުގައެވެ."
حسّان ވިދާޅުވިއެވެ. "މާބެ އެންމެފަހުން އަހަރެމެންގެ އަވަށަށް ވަޑައިގެންނެވިއިރު ކޮއްކޮ ވަރަށް ކުޑައެވެ."
"ބޭބެ ދުވަހަކުވެސް ބަޙްރައިނަށް ވަޑައިގަތީމުތޯއެވެ؟" سُهيل ސުވާލުކުރެއްވިއެވެ.
"އާނއެކެވެ!" حسّان ޖަވާބުދެއްވިއެވެ. އެއްފަހަރަކު ބޭބެ މަންމަގެ އަރިހުގައި އެރަށަށް ދިޔައީމެވެ. އޭރު ބޭބެގެ ޢުމުރުން އަށްއަހަރެވެ. ބޭބެމެން ދަތުރުކުރީ ނަވެއްގައެވެ. ބޭބެމެންނާއެކު ނަވުން ދަތުރުކުރީ ޔަމަންކަރަޔަށްދިޔަ އީރާނުގެ ވިޔަފާރިވެރީންނެވެ. މާބެއަރިހުގައި ތިންމަސްދުވަހު ތިބެފައި ބޭބެމެން އެނބުރިއައީ ހިންދީ ވިޔަފާރިވެރިއެއްގެ ނަވަކުންނެވެ. ޕާރޝިޔަން ގަލްފު ހުރަސްކުރުމަށްފަހު ބޭބެމެން ބައްތެއްޔެއްގައި ކޯރުތެރެއިން ވަރަށް ދިގު ދަތުރެއް ކުރީމުއެވެ. ބޭބެ ހަނދާންވާގޮތުގައި ބޭބެމެން ފޭބީ މިއަވަށުގެ ކައިރީގެ ކޮންމެވެސް ތަނަކަށެވެ. ކޯރުގެ ފެހިކުލައިގެ އައްސޭރިއާއި ފަރުބަދަތަކުގެ ރީތި މަންޒަރުތައް މިހާރުވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ޔަމަނާއި ބަޙްރައިނާއި އިންޑިޔާގެ ވިޔަފާރިވެރީންގެ ބައްތެލިފަހަރު ވަރަށްގިނައިން އަހަރެމެންގެ އަވަށަށް އާދެއެވެ. ކޮއްކޮއަށް ތަންކޮޅެއް އަވަހަށް އަހަށް ސަވާރުވެވޭވަރު ނުވެއްޖެނަމަ ބޭބެމެން ބަލާނީ ބައްތެއްޔެއް ލިބޭތޯއެވެ. ބޭބެމެން ބަޙްރައިންގައި ތިބި ދުވަސްވަރު މިހާރުވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ބޭބެ މާބެގެ ކުއްޖަކާއެކު (މައިފުށުގެ ދެބެންގެދެދަރި ބޭބެއަކާއެކު) ވަރަށްގިނައިން އަސްދުއްވާން ގޮސްއުޅެމެވެ. ބޭބެ އެރަށުން ފުރަމުން، ބޮޑުވި ދުވަހަކުން އެރަށަށް ވަރަށްގިނައިން ދާނަމޭ ބޭބެގާތު ބުނީމެވެ. މަންމަ އަވަހާރަވީފަހުން އެއްފަހަރަކު ބޭބެ ބަޙްރައިނަށް ދާންއުޅުނީމެވެ. ނަމަވެސް އެދުވަސްވަރު ކަނޑުފޭރޭ މީހުން ގަލްފުގެ ތެރެއިން ވަރަށްގިނަ ނާފަހަރަށް ޙަމަލަދީ ގެއްލުންދީއުޅެއެވެ. އެހެންކަމުން ބައްޕަ ބޭބެއަކަށް ދަތުރުކުރުމުގެ އަމުރެއް ނުދެއްވިއެވެ. އެއްފަހަރަކު މާބެގެ ނޯކަރެއް ބޭބެ ބަލައިވެސް އައެވެ. ނަމަވެސް ކިސްރާގެ ސިފައިންގެ މީހަކަށް ވާހިތުން އޭނާއާ އެއްކަކުވެސް ނުދެވުނެވެ. ރޫމީންގެ އަތްދަށުގައި ހައްޔަރުވުމަށްފަހު ވަރަށްގިނަފަހަރު ބޭބެގެ ހިތަށް އަރައެވެ. ބަޙްރައިނަށް ދެވި ކަނޑުފޭރޭ މީހުންގެ އަތްދަށުވީނަމަ މިމުސީބާތެއް ނުޖެހުނީހެވެ. މިހާރުވެސް ބޭބެގެ ހިތަށް އަރައެވެ. މިސަރަޙައްދުގެ ޢަރަތްބަކަށް ކިސްރާއަށްޓަކައި އޭނާގެ ލޭ އޮހޮރުވައިލައިގެންވެސް ތޫރަޖާއި ހުރުމުޒުފަދަ އަނިޔާވެރީންގެ ކިބައިން ސަލާމަތް ނުވެވޭއިރު ކަނޑުފޭރޭ މީހަކާ ބައިވެރިވުންވެސް މާރަނގަޅެވެ."
سُهيل ވިދާޅުވިއެވެ. "ބޭބޭއެވެ. ކަނޑުފޭރޭ މީހުން މިހާރުވެސް މިސަރަޙައްދަށް ޙަމަލަދެއެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް އެބައިމީހުންވަނީ ކޯރުގެ އައްސޭރީގެ އެތައް އަވަށެއް ލޫޓުވައިފައެވެ. އެއްފަހަރަކު އެބައިމީހުން ފޭރެމުން ހުރުމުޒުގެ ގަނޑުވަރުގެ ދޮރާއްޓާ ހަމަޔަށް ދިޔަވާހަކަވެސް އަޅުގަނޑު އަޑުއެހީމެވެ. އިރާނީންގެ އަނިޔާގެ ސަބަބުން ފިލަންދުވާ ޢަރަބީންގެ އެތައްބަޔަކުވެސް މިހާރުވަނީ ކަނޑުފޭރޭ މީހުންނާ ބައިވެރިވެފައެވެ. އަޅުގަނޑުވެސް ތޫރަޖުގެ ޤައިދުގައި ހުރިއިރު ކަނޑުފޭރޭ ބަޔަކު އަޅުގަނޑު ގެންދާނޭ ނަމައޭ ހިތަށް އަރައެވެ."
(ނުނިމޭ)