ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ސިއާ ޖިއާ" ގައި ތާޕްސީ ޕަންނު ފެނިގެން ދާނީ ޑަބަލްރޯލަކުން ކަމަށް ފިލްމާ ގުޅުން ހުރި ފަރާތަކުން ބުނެފިއެވެ.
އެފަރާތުން މީޑިއާއަށް ދިން އިންޓަވިއުގައި ބުނީ ފިލްމުގެ މަސަައްކަތް އަންނަ އަހަރު ފެށޭނެ ކަމަށެވެ.
"ފިލްމުގައި ތާފްސީ ކުޅެނީ ޑަބަލް ރޯލު. މިއީ އޭނާގެ ފުރަތަމަ ޑަބަލްރޯލު ފިލްމު. މި ފިލްމު ވަރަށް ތަފާތު ފިލްމަކަށް ވެގެންދާނެ" އެފަރާތުން ބުންޏެވެ.
މިއަހަރަކީ ތާޕްސީއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ސުޕާ ހިޓް ހަތަރު ފިލްމެއް ވަނީ ރިލީސްކޮށްފައެވެ. އޭގެ ތެރޭގައި "ބަދްލާ"، "ގޭމް އޯވާ"، "މިޝަން މަންގަލް" އަދި "ސާންދް ކި އާންކް" ހިމެނެއެވެ. ދެން އެންމެ އަވަހަށް ތާޕްސީ ފެނިގެން ދާނީ "ތައްޕަޅް" އިންނެވެ.