ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނި، އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް "ވައިފައި ކޯލިންގް" ގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.
އެ ހިދުމަތް ތައާރަފްކޮށްފައިވަނީ މިރޭ ކުރިއަށްދާ އުރީދޫ ކަލާ ރަން މިއުޒިކް ފެސްޓިވަލުގެ ތެރެއިން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި އުރީދޫ މޯލްޑިވްސް ސީއީއޯ ނަޖީބު ހާނެވެ.
ވައިފައި ކޯލިންގްގެ ހިދުމަތުން ބޭނުންކުރާ ނެޓްވޯކް ކަނެކްޝަންގެ ބަދަލުގައި ގޭގައި ނުވަތަ އެހެންވެސް ތަނެއްގައި ހުރި ވައިފައި ނެޓްވޯކަކުން ތިމާގެ ނަންބަރުން އެހެން ނަންބަރަކަށް ގުޅައި މެސެޖުކޮށް އަދި ވިޝުއަލް ވޮއިސްމެއިލް ވެސް ފޮނުވޭނެއެވެ.
މި ހިދުމަތް ބޮޑަށް ބޭނުން ކުރަނީ ރޭންޖު ނުލިބޭ ތަންތަން ނުވަތަ ގެންގުޅޭ ނެޓްވޯކް ނުލިބޭ ތަންތަނުގައި ހުރެގެން މީހުންނަށް ގުޅުމަށް ނުވަތަ މެސެޖު ކުރުމަށެވެ.
އުރީދޫ އިން ބުނީ، އެ ހިދުމަތް ލިބޭނީ އެންމެ ފަހުން ބާޒާރަށް ނެރުނު މަދު ފޯނުތަކަށް ކަމަށެވެ. އެގޮތުން އައިފޯން 11 އާއި ވާވޭ ޕްރޯ އަދި ޕީ 10 ފަދަ ފޯނުތަކަށް މި ހިދުމަތް ލިބޭނެއެވެ.
އެޗްޑީކޮށް އަދި އަޑު ސާފުކޮށް ގުޅައިލެވޭ މި ހިދުމަތް ބޭނުން ކުރުމުން ޗާޖު ކުރާނީ މިހާރުވެސް ކޯލިން ރޭޓުތަކާ އެއް އަގެއް ކަމަށް އެ ކުންފުނިން ބުނެއެވެ.