ބޮލީވުޑް

މެޓްރިކްސްގެ މަންޒަރެއް ޓައިގާ ރީ-ކްރިއޭޓް ކުރާ ވީޑިއޯއެއް

އެކްޝަން ފިލްމަށް ލޯބި ކުރާ މީހުން އިންތިޒާރު ކުރާ އެއް ފިލްމަކީ "ބާގީ 3" އެވެ. މި ފިލްމުގެ ޝޫޓިން ފަށާފައިވާ އިރު ޝޫޓިން ތެރޭގެ މަންޒަރުތައް ފިލްމާ ގުޅުން ހުރި ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ބާގީ ތިނެއްގެ ޝޫޓިން މިވަގުތު ކުރިއަށް ދަނީ ސާބިޔާގައެވެ. އެތަނުގައި ކުރިއަށް ދަނީ ބޮޑެތި އެކްޝަން ސީންތަކެއްް ކަމަށް މީޑިއާއިން ބުނެ އެވެ.

ފިލްމުގެ ބަތަލު ޓައިގާ ޝްރޮފް މިވަނީ އިންސްޓަގްރާމުގައި ފިލްމުގެ އެކްޝަން މަންޒަރެއްގެ ވީޑިއޯ މީގެ ދެދުވަސް ކުރިން ހިއްސާކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ހޮލީވުޑްގެ މަގުބޫލު އަދި ސުޕާ ހިޓް ފިލްމު، މެޓްރިކްސްގެ މަންޒަރެއް ޓައިގާ ރީ-ކްރިއޭޓް ކުރާ ތަނެވެ.

އާންމުކޮށް މިގޮތަށް ބަތަލުން އަމިއްލައަށް ފިލްމުތަކުގައި ސްޓަންޓް ހަދައި ނޫޅޭތީ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ސްޓަންޓަކީ ވަކި ގޮތަކަށް ނުހަދައިފި ނަމަ ފުރާނައަށްވެސް ނުރައްކާވާ ކަމެއް ކަމުން، ފިލްމުތަކުގައި ސްޓަންޓް ހެދުމަށް ހާއްސަ މީހުން ތަމްރީނުވެފައި ތިބެއެވެ.

ވަރަށް ފަހުން ދިން އިންޓިވިއުއެއްގައި ޓައިގާ ބުނީ އޭނާ އެކްޝަން ފިލްމުތަކުގެ ސީންތަކަށް ޝޫޓް ކުރާއިރު މައިންބަފައިން ކައިރީ ނުބުނާ ކަމަށެވެ. އެމީހުން ކައިރީ ބުނެފި ނަމަ އެކަމާ ހާސްވެ މުޅި ދުވަހު ތިބޭނީ ފިކުރުކުރަން ކަމަށް ޓައިގާ ބުންޏެވެ. ފިލްމުތަކުގެ އެކްޝަން ބައިން ފެނުމުން އެމީހުން އަޖައިބު ވާކަމަށާއި އެއީ ކެމެރާގެ ވެސް މޮޅުކަންކަމުގައި ޓައިގާ ބުންޏެވެ.

ސްޓަންޓްސް ހެދުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އެކަމަކު އެހެން މީހުން އެކަން ކުރުމަށް އޭނާ ނޭދޭ ކަމަށްވެސް ޓައިގާ ބުންޏެވެ.