ތަގުވާއަކީ މީހާ ނުބައިކަމުގެ މަގުން ދުރުކޮށް، ހެޔޮކަމުގެ މަގުގައި ސާބިތުކުރާ އެންމެ ވަރުގަދަ ބާރު ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ މުސްލިމުން ދުނިޔޭގެ ކަންކޮޅުތަކުގައި ލައްވާފައިވަނީ އެންމެ ފުރަތަމަ މާތްﷲ އަށް އަޅުކަން ކުރުމަށް ކަމަށާއި އެކަލާންގެ ހަވާލުކުރައްވާފައިވާ ހިލާފަތުގެ ބުރަ މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާކުރުމަށް ކަމަށެވެ.
"ބިން ހެޔޮގޮތުގައި ތައުމީރުކޮށް، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ އުޅުމަށް. އެއްބަޔަކަށް ދިމާވާ ދަތިތައް، އަނެއްބަޔަކު ފިލުވައިދީ އުޅުމަށް. މާތްﷲ އަޅަމެން ހައްދަވައި މި ދުނިޔެ މަތީގައި ލެއްވުމުގެ ހިކުމަތް ފުރިހަމަވާނީ އޭރުން. އެއްވެސް ހާލެއްގައި ބައިބައިވުމަށް، ދެކޮޅުވެރިވުމަށް، ޖާގައެއް ދީގެންނުވާނެ. ތަގުވާއަކީ މީހާ ނުބައިކަމުގެ މަގުން ދުރުކޮށް، ހެޔޮކަމުގެ މަގުގައި ސާބިތުކުރާ އެންމެ ވަރުގަދަ ބާރު،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ އިސްލާމްދީނަކީ އެއްބައިވަންތަކަމަށް ގޮވާލާ ދީން ކަމަށާއި އެކަކު އަނެކަކަށް، އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވެ ރަހުމުކުރުމަށް ގޮވާލާ ދީން ކަމަށެވެ. އަދި އިސްލާމްދީނަކީ އެކަކަށް ދަތި އުނދަގޫކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެ ނަމަ އެމީހަކަށް އެހީތެރިވުމަށް ގޮވާލާ ދީން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"އެކަކު އަނެކެއްގެ ހައްގުތަކަށް ރައްކާތެރިވުމަށް އަމުރުކުރާ ދީން. އެކަކު އަނެކެއްގެ މުދަލާއި، އަބުރަށް ރައްކާތެރިވުމަށް އަމުރުކުރާ ދީން. ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އަމުރުކުރާ ދީން. އިސްލާމީ އުއްމަތުގެ ކޮންމެ ފަރުދަކުވެސް އޭނާގެ ދުލާއި، އަތް އެހެން މީހުންނަށް އުނދަގޫވާ ފަދަ ކަންކަމަށް ރައްކާތެރިކުރުމަށް ގޮވާލާ ދީން،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މާތްﷲ ވަނީ ދެކޮޅުވެރިކަމާއި، ފަސާދަކުރަނިވި ކަންތައް ނަހީކުރައްވާފައި ކަމަށާއި މުސްލިމުން އުޅެންވީ ގޮތާއި އެއުރެންގެ މެދުގައި މުއާމަލާ ކުރަންވީ ރީތި ގޮތްތައް މާތްﷲ އާއި އެކަލާންގެ ރަސޫލާ އަންގަވާފައިވާ ކަމަށެވެ.