ކޯލިޝަނަކުން އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު އިއްޔެއަކީ އެ ކޯލިޝަނުގެ ހުރިހާ ލީޑަރުން އެކުގައި ފެނުނު ފުރަތަމަ ދުވަހެވެ. އިންތިޚާބީ ރައީސް އިބޫ ވިދާޅުވި ފަދައިން އެކަން އެހެން އެދިމާވީ އެކި ސަބަބު ތަކާ ހެދި ލީޑަރުން ވަކީން އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ. އެއް މޭޒަކަށް ވަޑައިގެންނެވޭނެ ފަހި ފުރުސަތެއް ލިބިވަޑައިނުގަތުމުގެ ސަބަބުންނެވެ.
އިންތިޚާބީ ރައީސް އަދި ނައިބު ރައީސް އަރިހުގައި ކޯލިޝަންގެ ހަތަރު ލީޑަރުން އެތުރިވަޑައިގެން ތިއްބެވި އިރު، ރައީސް އިބޫ އެ ސަފު ތަރުތީބުކޮށްލައްވައިފައި އޮތީ ކޮން ވިސްނުންފުޅެއްގައި ކަމެއް ނޭނގެ އެވެ. ހަމަ އެކަނި ތަރުތީބެއް ނޫނެވެ. އެމަނިކުފާނުގެ ވާހަކަފުޅަށް ފަހު ދެން ވާހަކަފުޅުދައްކަން ފުރުސަތުދެއްވާނެ ތަރުތީބުވެސް ކަނޑައެޅުއްވީ ރައީސް އިބޫ އެވެ.
ލީޑަރުންގެ ސަފު ތަރުތީބު ކުރައްވައިފައި ހުރި އިރު، ރައީސް އިބޫގެ ކަނާތް ފަރާތުން ފުރަތަމައަށް ހުންނެވީ ރައީސް މައުމޫނެވެ. ރައީސް މައުމޫނުގެ ކަނާއަތް ފަރާތުގައި ޤާސިމް އިބްރާހީމް އެވެ. ރައީސް އިބޫގެ ވާއަތް ފަރާތުން ފުރަތަމަ، އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އެއަށް ފަހު ރައީސް ނަޝީދު އެވެ. އެއަށް ފަހު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.
ރައީސް އިބޫ ވާހަކަދެއްވުމަށް ފަހު ދެވަނަ ފުރުސަތު ދެއްވީ ރައީސް މައުމޫނަށެވެ. އެއަށް ފަހު ރައީސް ނަޝީދަށެވެ. ދެން ގާސިމް އަށެވެ. މި ތަރުތީބަށް ވިސްނައިލުމުން އެނގޭ ކަމަކީ އިބޫ އެފުރުސަތު ދެއްވީ ކޮންމެހެން ޕާޓީގެ ކުޑަބޮޑު މިނަށް ބަލައިގެން ނޫން ކަމެވެ. ނުވަތަ އަރިސް ބޭފުޅުންނަށް ބައްލަވައިގެންވެސް ނޫން ކަމެވެ. ނުވަތަ ތަނަވަސްކަމަށް ބައްލަވައިގެން ވެސް ނޫން ކަމެވެ.
ޕާޓީގެ ސައިޒަށް ބަލައިގެން ފުރުސަތުދެއްވި ނަމަ އެންމެ ފުރަތަމަ ފުރުސަތު އޮންނާނީ ރައީސް ނަޝީދަށެވެ. އެންމެ އަރިސްބޭފުޅަކަށް ދެއްވާ ނަމަ ވެސް ފުރަތަމަ ފުރުސަތު އޮންނާނީ ރައީސް ނަޝީދަށެވެ. ދެވަނަ އަށް ފުރުސަތު ލިބިވަޑައިގަންނަވާނީ ގާސިމް އިބްރާހީމް އަށެވެ. ދެ ގޮތުން ބެއްޔަސް ރައީސް މައުމޫނަށް ސަފުން ވެސް އަދި ވާހަކަދެއްކެވުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާނީ ތިންވަނަ އަށެވެ. އެހެނީ މެންބަރުންގެ އަދަދަށް ބަލާ އިރު އެމްއާރްއެމް އަންނާނީ އެމްޑީޕީ އާއި ޖޭޕީގެ ފަހަތަށް ކަމަށް ވާތީ އެވެ.
ވިސްނައިލުމުން ގަބޫލުކުރެވޭ ގޮތުގައި ރައީސް އިބޫ ސަފު ތަރުތީބު ކުރެއްވުމުގައި ނައިބު ރައީސް ފައިސަލް އަށް ފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާފައި އެވަނީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތަރުތީބުން ރައީސް މައުމޫނަށް ކަނާއަތް ފަރާތުން ފުރަތަމަ ޖާގަ ދެއްވާށެވެ. އިބޫއަށް ފަހު ވާހަކަފުޅުދެއްކެވުމުގެ ފުރަތަމަ ފުރުސަތު ރައީސް މައުމޫނަށް ދެއްވުމަށް ފަހު ދެވަނަ ފުރުސަތު ރައީސް ނަޝީދަށް ދެއްވީ ވެސް އެގޮތުން ކަމަށް ގަބޫލުކުރެވެ އެވެ. އެހެން ނަމަ އެއީ ވަރަށް ވެސް ހިތްގައިމު އަދި ގައުމީ ވިސްނުންފުޅެކެވެ. އެހެނީ ސިޔާސީީން އެއްސަފެއްގައި އަތުރައިލާ ނަމަ، އަދި އެސަފުގައި ރައީސް މައުމޫނު ހުންނެވި ނަމަ، ތަޖުރިބާ އާއި ގަދަރު އަދި ޝަރަފު އެރުވުމުގެ ގޮތުން ވިޔަސް އެންމެ އިސްކަމެއް ދޭން ޖެހެނީ މިއަދުވެސް ރައީސް މައުމޫނަށް ކަމާ މެދު ސުވާލު އުފައްދާނެ މީހުން މަދުވާނެ އެވެ.
އިއްޔެގެ ބައްދަލުވުމަށް ފަހު ރައީސް އިބޫ ވިދާޅުވީ އެ ބައްދަލުވުމުގައި ކެބިނެޓުގެ ކަންކަން ވެސް ނިންމެވި ކަމަށެވެ. ރައީސް އިބޫގެ ކެބިނެޓަކީ މިހާރު އެންމެ ހޫނު މައުލޫ އެވެ. އެމަނިކުފާނުގެ ކެބިނެޓަކީ ކަމަށް ގާބިލު، ނަޒާހަތްތެރި ކެބިނެޓަކަށް ވާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ކެބިނެޓާ މެދު ރައްޔިތުން ކުރާ އުއްމީދު ބޮޑެވެ. އިލްމީ ގާބިލުކަމާއި ނަޒާހަތްތެރިކަމާ އެކު ކެބިނެޓު މިނިސްޓަރެއްގެ ޒިންމާ އަދާކުރެއްވޭ ވަރުގެ ހިންގުމުގެ ތަޖުރިބާ ހުރުން އެއީ އިބޫގެ ކެބިނެޓަށް އަންނަ ކޮންމެ މީހެއްގެ ވެސް ހުރުން ރައްޔިތުން ލާޒިމު ކުރާނެ ތިން ސިފައެވެ. މި ތިން ޝަރުތު ހަމަވާ މީހުން މަދު ނުވެދާނެ އެވެ. އެހެން ނަމަވެސް އުފެދޭ ސުވާލަކީ އެކްޓިވިސްޓުންނަށް ފުރުސަތު ދޭން ނުޖެހޭނެ ބާވައެވެ؟ ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހުނަށް ނުވަތަ ޕޯޑިއަމް ތަކަށް އެރި މީހުނަށް އެކަނި ކެބިނެޓު ބަހާލައިފި ނަމަ ދެން ވާނީ ކިހިނެއްބާވަ އެވެ؟
ރައީސް އިބޫ ހުވާ ކުރައްވަން އެންމެ ދުވަހަކަށް ގާތް ވެފައިވާ އިރު، އެމަނިކުފާނުގެ ކެބިނެޓާ ގުޅޭ ގޮތުން ތަފާތު ލިސްޓުތައް ވަނީ އާންމުވެފަ އެވެ. އެއިން އެއްވެސް ލިސްޓެއް މުޅިން ރަނގަޅު ނޫންކަން އެނގެ އެވެ. އެހެން ނަމަވެސް އެ ހުރިހައި ލިސްޓުތައް ދިރާސާކޮށްލުމުން ހުރިހާ ލިސްޓެއްގައި ވެސް އެއް ނަންތަކެއް ތަކުރާރު ވާތީ ފެނެ އެވެ. އެހެން އެވަނީ ޔަގީން ނަންތަކެއް ވެސް ހުރުމުން ކަމަށް ވެދާނެ އެވެ. ލިސްޓު ތަކުގައި ދެން ހުރި ނަންތަކާއި ލިސްޓުގައި ނަން ނެތި އަޑު އިވޭ ނަންތަކަށް ބަލާ އިރު ވެސް ރައްޔިތުން އެމީހުންނަކީ ކެބިނެޓަށް އެންމެ ރަނގަޅު މީހުން ކަމަށް ގަބޫލު ނުކުރާނެ މީހުންގެ ނަންތައް ހިމެނެ އެވެ.
މިސާލަކަށް ބަލާ ނަމަ، ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި ބައެއް ބޭފުޅުންގެ ނަންތައް ވެސް އިވެ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި އެޑިޔުކޭޝަން މިނިސްޓަރު މުސްތަފާ ލުތުފީ ފަދަ ބޭފުޅުން ހިމެނެ އެވެ. މި ބޭފުޅުންގެ ނަންތައް އިވުނު ނަމަވެސް، އާންމުންގެ ތެރޭގައި ހުރި އަޑުތަކުން އެނގެނީ އެބޭފުޅުންނަށް ރައީސް ނަޝީދުގެ ކެބިނެޓުގައި ތިއްބެވި އިރު ވެސް އެކަށީގެންވާ މިންވަރަށް ޕާފޯމް ކުރެއްވިފައިވާ ކަމަށް ޕަބްލިކް ގަބޫލު ނުކުރާ ކަމެވެ. އެހެން ކަމުން އެއީ ބަލައިގަނެވޭ ނަންތަަކެއް ނޫން ކަމެވެ. އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަކީ ވެސް ޕޮލިޓިކަލް އެކްޓިވިސްޓެއް ކަމަށް ވާތީ، ކެބިނެޓަށް އެންމެ އެކަށީގެންވާ ނަމެއް ނޫން ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ޝިފާޒް އަށް ވުރެ ރަނގަޅު އެތައް ބަޔަކު އެބަތިބި ކަމަށް ބުނާ މީހުން ގިނަ އެވެ.
އަދާލަތުން ނަންކިޔާ ބޭފުޅުންގެ ތެރެއިން ޝެއިޚް އަލީ ޒާހިރުގެ ނަން ގިނަ ބަޔަކު ބަލައިގަންނަ ކަމަށް ގަބޫލު ކުރެވެ އެވެ. އެހެން ނަމަވެސް ޝިދާތާ ޝަރީފާ މެދު ޕަބްލިކްގެ ވިސްނުން ޕޮސިޓިވެއް ނޫނެވެ. މައިގަނޑު އެއް ސަބަބަކީ އެބޭފުޅާ ޖެންޑާ މިނިސްޓްރީގެ ޒިންމާދާރު މަގާމެއްގައި ހުންނަވަނިކޮށް ހިނގައިދިޔަ އިބްތިހާލުގެ މަރުގެ ހިތާމަވެރި ހާދިސާ އެވެ. އެހެން ކަމުން ބައެއް ފަރާތްތަކުން ދެކެނީ ޝިދާތާ ވަނީ އޭނާ އޭރު އަދާކުރެއްވި ވަޒީފާގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި ވެސް ފެއިލް ވެފައި ކަމަށެވެ. ކަން އޮތީ އެހެން ކަމަށް ވިޔަސް، ޝިދާ ފެނިގެން ގޮސްފައި ވަނީ ކޯލިޝަންގެ ކެމްޕޭންގައި އެންމެ އެކްޓިވް އެއް ފީމޭލްގެ ގޮތުގަ އެވެ. ޝިދާތާ އަށް ދޭން އުޅޭ ކަމަށް ލިސްޓުތަކުން ފެންނަނީ އޭނާ އެމިނިސްޓްރީއެއްގައި ހުރެ ފެއިލިވީ ކަމަށް ބައެއް މީހުން ގަބޫލުކުރާ ޖެންޑަ މިނިސްޓްރީ އެވެ.
ޖުމުހޫރީ ޕާޓީއަށް ލިބޭ ސްލޮޓް ތަކަށް ވަޑައިގަންނަވާނެ ކަމަށް އަޑު އިވޭ ނަންތަކަށް ބަލާ އިރު ޚިޔާލު ތަފާތުވުން ބޮޑު ނަންތައް މަދު ކަމަށް ބެލެވެ އެވެ. ނަމަވެސް އަލީ ވަހީދު ކެބިނެޓަށް އަތުވެދާނެ ކަމަށް އިވޭ އަޑު ތަކާ މެދު ބައެއް ފަރާތްތަކުން އެހާ ހިތްހަމައެއް ނުޖެހެ އެވެ. ޕަބްލިކްގެ ވިސްނުމަކީ އަލީ ވަހީދަކީ ސިޔާސީ އެކްޓިވިސްޓެއް ކަމަށެވެ. އަލީ ވަހީދު ކަމުދާނީ ޕާލިމެންޓުގައި ނުވަތަ ޕާޓީ ހިންގުމުގައި ޕާޓީގެ ލީޑަރޝިޕުގައި ހުރުން ކަމަށް ދެކޭ މީހުން ގިނަ އެވެ. ޖޭޕީން ދެން ކެބިނެޓަށް އައިސްފާނެ ކަމަށް އަޑު އިވޭ ނަންތަކުގެ ތެރެއިން މީހުންގެ ޚިޔާލު އެންމެ ތަފާތު ނަމަކީ އާއިޝަތު ނަހުލާ އެވެ. ނަހުލާގެ އިލްމީ ގާބިލު ކަމާއި ހިންގުމުގެ ތަޖުރިބާ މި ފަދަ ޗަލެންޖިން ދުވަސްވަރެއްގައި ކެބިނެޓުން ޖާގަދޭން އެކަށީގެން ނުވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ރައީސް މައުމޫނުގެ އެމްއާރްއެމް އަށް ބަލާ އިރު އަޑު އިވެނީ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ޕާޓީގައި އެކްޓިވްކޮށް އުޅުއްވާ ނާދިރާގެ ނަމެވެ. އަދި ފަހުން ޒަހާ ގެ ނަންވެސް ކޮންމެވެސް ވަރަކަށް އަޑުތައް އިވެ އެވެ. އެހެން ނަމަވެސް މީސްމީޑިއާގެ ލިސްޓުތަކަށް ބަލާ އިރު، މައުމޫނުގެ ފަޅީން ފެންނަނީ ނާދިރާ އާއި ޔުމްނާގެ ނަން އެކަންޏެވެ. އޭގެ ތެރިން ޔުމްނާ ވަޑައިގަންނަވަނީ އޭނާ ވަރަށް ގިނަ އަހަރު ތަކެއް ވާންދެން މަސައްކަތް ކުރެއްވި ދާއިރާ ކަމަށްވާ ހެރިޓޭޖްގެ ދާއިރާއިން ކަމަށް އަޑު އިވޭތީ އާންމުންގެ ވިސްނުން ޔުމްނާއާ މެދު ޕޮސިޓިވް އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރައީީސް މަައުމޫނުގެ ފަޅީން ކެބިނެޓު ލިސްޓެއް ހަދާ އިރު، ދުންޔާ މައުމޫނުގެ ނަންފުޅު އެލިސްޓުގައި އޮތުމަކީ "މަސްޓް" އެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ދުންޔާ ކުރެއްވި މަސައްކަތްޕުޅަށް މުޅި ދިވެހި ގައުމު ވަނީ ސެލިއުޓްކޮށްފަ އެވެ. އޭގެ ކުރީން ވެސް ދުންޔާ ވަނީ ޔޫއެންގައި އެތައް އަހަރެއް ވާންދެން މަސައްކަތް ކުރައްވައިފަ އެވެ. ރައީސް ކަމަށް އިބޫ އިންތިޚާބުވީ ފަހުން ރައީސް މައުމޫނު ބޭރުގެ އެކި ފަރާތްތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ވެސް އެމަނިކުފާނުގެ އަރިހުން އެންމެ ގާބިލުކަމާ އެކު ފެނިގެން ދަނީ ދުންޔާ އެވެ. އަދި ހަމަ އެހެންމެ ފާއިތުވި އަހަރު ތަކަށް ބަލާ އިރު ސިޔާސީ މައިދާނުން ފެނުނު މަދު ކަނބަލުންގެ ތެރެއިން އެންމެ ކެޕޭސިޓީ މަތި، ޑިޕްލޮމެޓިކް ތަޖުރިބާ ބޮޑު އެއް ބޭފުޅަކީ ވެސް ދުންޔާ މައުމޫނު ކަމަށް ވެފައި، ސިޔާސީ ތަޖުރިބާއާ އެކު ޖެހިލުން ކުޑަ ބޭފުޅަކަށް ވާތީ ދުންޔާ އަކީ ކެބިނެޓުން ޖާގައެއް ލިބިވަޑައިގަންނަވަން އެންމެ އެކަށީގެންވާ އެއް ނަން ކަމަށް ގަބޫލު ކުރާ ދިވެހިން މަދެއް ނޫނެވެ. ވަކީން ޚާއްސަ ގޮތެއްގައި ރައީސް މައުމޫނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް އެމަނިކުފާނުގެ ފަރާތްޕުޅުން ދެއްވާ ފުރުސަތަކަށް އެކަން ވާއިރު، ދުންޔާ އަށް އެ ފުރުސަތު ނުލިބުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ބައެއް މީހުން ދެކޭ ގޮތުގައި ކޮންމެ ހާލަތަކަށް ބެލިޔަސް، އާޚިރުގައި ރައީސް މައުމޫނަށް އެންމެ އިޚުލާސްތެރި ވާނީ އަމިއްލަފުޅު ލެޔެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި މަސައްކަތްޕުޅު ކުރެއްވުމަކީ ގާބިލުކަމަށް ބަލައިގެން ދެވޭ ފުރުސަތަކުން ދުންޔާ މަހުރޫމް ވާން ޖެހޭ ސަބަބެއް ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. މެރިޓަށް އަދި އަސްލު ގާބިލުކަމަށް ބަލައިގެން ދޭ ނަމަ ރައީސް އިބޫގެ ކެބިނެޓުން ސްލޮޓެއް އެންމެ ހައްގު އެއް އަންހެން ބޭފުޅަކީ ދުންޔާ އެވެ. މީސްމީޑިއާގެ އެއްވެސް ލިސްޓެއްގައި ދުންޔާގެ ނަން ނެތުމުން އެވާހަކަ ދައްކާ މީހުން މަދެއް ނޫނެވެ. ވަކީން ޚާއްސަކޮށް ދުންޔާ އަކީ ޖެހިލުން ކުޑަ، އަބަދުވެސް ގައުމީ ވިސްނުމެއްގައި ކަންކަމުގައި ކެރިގެން ބަސް ވިދާޅުވާ ބޭފުޅަކަށް ވާތީ، އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ ބައެއް އޯގަނައިޒޭޝަން ތަކުން ވެސް ދުންޔާ ފަދަ ކަނބަލަކު މައިދާނުން ގެއްލުމަކީ ލިބޭ ދެރައަކަށް ވާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ.
ދެން އޮތީ ޖިންސުގެ ތަފާތުކުރުމުގެ މައްސަލައިގެ ވާހަކަ އެވެ. ހަމަހަމަކޮށް ކެބިނެޓު ބަހައިލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ނަމަވެސް ފެންނަ ނަންތަކަށް ބަލާ އިރު ރައީސް އިބޫގެ ކެބިނެޓުން އަދި ޖާގަ ލިބެނީ ތިނެއް ނުވަތަ ހަތަރު އަންހެން ބޭފުޅުންނަށް ކަމަށް ހީވާތީ އެއީ ވެސް ބައެއް މީހުން ސުވާލު އުފައްދާ ކަމެކެވެ.
މި ހުރިހައި ކަމަކަށް ޝަރުތު ހަމަވާ ކެބިނެޓެއް ހޮއްވެވުމަކީ ރައީސް އިބޫ އަށް ވެސް ފަސޭހަފުޅު ކަމަކަށް ނުވާނެ އެވެ. ވަކީން ޚާއްސަކޮށް މިހާ ފުޅާ ކޯލިޝަނެއްގައި އެކަން ވާނީ ޗެލެންޖަކަށެވެ. ނަމަވެސް ލީޑަރުން ވެސް ވިސްނަވަން ވާނީ ކަމަށް އެންމެ ގާބިލު މީހުންނަށް ފުރުސަތު ދެއްވުމަށެވެ. ރައީސް އިބޫ ވިދާޅުވެފައި ވާފަދަ ކަމަށް ގާބިލު އަދި ނަޒާހަތްތެރި ކެބިނެޓަކަށް ހުރިހާ ލީޑަރުން ވެސް ފުރުސަތު ފަހިކޮށްދެއްވުމަކީ ދިވެހީން އެލީޑަރުންނަށް ކުރި އިތުބާރު ދެމެހެެއްޓުމަށް އަޅުއްވާ އެންމެ މުހިއްމު އެއް ފިޔަވަޅަށް ވާނެ އެވެ. ދިވެހީންގެ އުއްމީދުތައް މިހާ މަތީގައި ހުރި ދުވަސްވަރެއްގައި ހިންގުމާއި ތައުލީމީ ގޮތުން ވެސް އެންމެ އެކަށީގެން ނުވާ، ނަމަވެސް ދޭން "މަޖުބޫރު" ވެގެން ކެބިނެޓު ސްލޮޓު ޚާއްސަ ކުރެވޭ މީހުން މާދަމާ ފެއިލް ވުމުން ގެއްލޭނީ ރައްޔިތުން ދިން އިތުބާރު ކަމާ މެދު ޝައްކެއް ވެސް ނެތެވެ.