ދުނިޔޭގެ ރެކޯޑެއް ހެދުމަށް އެންމެ ގިނަ ގައުމުތަކުގެ ރައްޔިތުންނާއެކު އެމިރޭޓްސް އިން ކުރި ދަތުރުގައި ބައިވެރިވުމުގެ ޝަރަފު ދިވެހި އާއިލާއަކަށް ލިބިއްޖެއެވެ.
އެމިރޭޓްސްގެ އޭ380 ގެ ފްލައިޓެއްގައި ހެދި އެ ރެކޯޑަކީ ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ)ގެ 48 ވަނަ އަހަރީ ދުވަހާ ގުޅިގެން ހެދި ރެކޯޑެކެވެ. އެ ރެކޯޑު ހެދި އެމިރޭޓްސްގެ ހާއްސަ ފްލައިޓަށް ދީފައިވަނީ "އީކޭ2019"ގެ ނަމެވެ.
އެމިރޭޓްސް އިން އިއްޔެ އެ ރެކޯޑު ހެދި ފްލައިޓުން ދަތުރުކުރީ 500 ފަސިންޖަރުންނެވެ. އޭގެ ތެރޭގައި 145 ގައުމެއްގެ ރައްޔިތުން ހިމެނެއެވެ. އެ ދަތުރަކީ ޔޫއޭއީގެ "ސެވަން އެމިރޭޓްސް" ވަށައި ކުރި ދަތުރެކެވެ. ފްލައިޓު ޖެއްސުމާއެކު ފްލައިޓުން ވަނީ ދުނިޔޭގެ ރެކޯޑު މުގުރާލިކަން އިއުލާނު ކުރި އެވެ.
ރެކޯޑު ހެދުމަށް ކުރި ދަތުރުގައި ބައިވެރިވި ދެ ދިވެހިންނަކީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގެ ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަޝްހޫރުވެގެންދިޔަ ސެރިން މަންސޫރާއި އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅު އެޑެން އަންވަރު ޝިޔާދެވެ.
ސެރިންގެ ފިރިމީހާ އަންވަރު ޝިޔާދަކީ ޔޫއޭއީގައި މަސައްކަތްކުރާ އެއާކްރާފްޓް އިންޖިނިއަރެއް ކަމުން، އެ އާއިލާ ދިރިއުޅެމުން އަންނަނީ އެގައުމުގައެވެ. ސެރިން އާއި އަންވަރު އަދި އެމީހުންގެ ދަރިފުޅު އެޑެންއަކީ ވެސް ދިވެހި ރައްޔިތުންނެވެ.
ފްލައިޓުން ދަތުރުކުރި ސެރިން "ވަން"އަށް މައުލޫމާތުދެމުން ބުނީ ދުނިޔޭގެ ރެކޯޑެއް ހެދުމުގެ ޝަރަފު ލިބުމަކީ ފަހުރެއް ކަމުގައި ދެކޭ ކަމަށާއި އެފަދަ ތާރީހީ ހަރަކާތަކުން ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ.
އާއިލާއަށް ލިބުނު އެ ފުރުސަތަކީ ސެރިންގެ ފިރިމީހާ އަންވަރަށް ލިބުނު ފުރުސަތެވެ. އެ ރެކޯޑު ހެދުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަން އެމިރޭޓްސް އިން އޭނާއަށް އެންގީ އީމެއިލަކުންނެވެ. އަންވަރު އެ ފުރުސަތު ދޫކޮށްލީ އޭނާގެ އަންހެނުން ސެރިން އާއި ފިރިހެން ދަރިފުޅު އެޑެންއަށެވެ.
އެ ދަތުރުގައި ބައިވެރިވި ގިނަ މީހުން ބޭނުންކޮށްފައިވަނީ އެމީހަކު ނިސްބަތްވާ ގައުމެއްގެ ގައުމީ ހެދުމެވެ. އެގޮތުން ސެރިން އާއި އެޑެން ވެސް ބޭނުންކޮށްފައިވަނީ ދިވެހި ހެދުމެކެވެ. ފަސް އަހަރުގެ އެޑެން ބޭނުންކުރީ ދިވެހި ފޭއްޔަކާއި ފޮށައެއް އަދި ރާއްޖޭގެ ނަން ޖަހާފައިވާ ޓީޝާޓެކެވެ. ސެރިން ހުރީ ފައްޓަރު ބައެއް އަޅައި، ދިވެހި ލިބާހުގައެވެ.
އެ ދަތުރަށް ފަހު ދަތުރުގައި ބައިވެރިވި އެންމެންނަށް އެމިރޭޓްސް އިން ވަނީ މަރުހަބާ ކިޔައި، ސެޓްފިކެޓް ދީފައެވެ.