ހުތުބާ

ޝަރުއީ ހަމަތަކާ އެއްގޮތަށް ކައިވެނިކުރަން ވާނީ ގިނަބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑު ގޮތެއްގައި: ހުތުބާ

ޝަރުއީ ހަމަތަކާ އެއްގޮތަށް ކައިވެނިކުރަން ވާނީ ގިނަބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ކައިވެނި ކުރުމަށްޓަކައި އިސްލާމްދީނުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއްވާ ކަމަށާއި އެކަންކަމަށް ގާނޫނާއި ގަވާއިދުތަކެއް ހެދިފައިވާ ކަމަށެވެ. އަދި ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިން ލިބޭ ކުދިންގެ ގިނަގުނަ ހައްގުތަކެއް ގެއްލޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އެއީ ސައްހަ ދަރިއެއް ކަމުގެ އެއްވެސް ލިޔުމެއް އަދި ހެއްކެއް ވެސް ނޯވެއެވެ. ޝަރުއީ ހަމަތަކާ އެއްގޮތަށް ކުރެވޭ ކައިވެނި ކުރަންޖެހޭނީ ވީހައިވެސް ގިނަ ބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑު ގޮތަކަށެވެ. ކައިވެނި ކުރުމަށްފަހު ވަލީމާ ދިނުން ޝަރުއު ކުރައްވާފައިވަނީ މި ސަބަބަށްޓަކައެވެ. މިއާ ހިލާފަށް، ދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ ގާނޫނާ ހިލާފު އިސްލާމީ ޝަރީއަތާ ވެސް ބީރައްޓެހި އަމަލެކެވެ. އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެން ޖެހޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މިއަދު އިސްލާމްދީނަށް ނިސްބަތްވާ ބަޔަކު އެ ދީނުގެ ނަމުގައި ފަތުރާ ދީނާ ހިލާފު ފިކުރުތަކާއި، މައުލޫމާތުގެ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫން ކަމަށާއި މިބައިމީހުން ގަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބާނުވާ ކޮންމެ މީހަކީ ކާފިރެއް ކަމުގައި ކަނޑައަޅައި، މަރު ހުއްދަ ކުރާ ކަމަށެވެ. އަދި އެ ފިކުރުތަކަށް އަމަލުނުކުރާ ސަރުކާރަކީ، ޠާޣޫތު ކަމުގައި ނިންމާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އަދި އެ ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުން ކަމުގައި ނިންމައި، އެމީހުންގެ ފަހަތުގައި ނަމާދުކުރުން ހުއްޓާލައެވެ. އެމީހުން ދިރިއުޅޭ ބިމަކީ ދާރުލް ކުފުރު ކަމުގައި ނިންމައެވެ. މި ނުބައި ނިންމުންތަކުގެ ސަބަބުން އެގައުމުގެ މީހުންގެ މުދާ ފޭރުމާއި، މެރުން ހުއްދަ ކުރެއެވެ. މިވަރުން ނިމުނީއެއް ނޫނެވެ. މިފަދަ މީހުން އެހެން މީހުންނާ މުޅިން ވަކިވެގަނެއެވެ. އެހެން މީހެއްގެ ސަލާމަށް ޖަވާބެއް ނުދެއެވެ. ވަރި ކައިވެނީގެ މުއާމަލާތްތައް ގިނައިން ކޮށް އުޅެނީ އެމީހުންގެ މީހުންނާ އެކަންޏެވެ. އެމީހުން ކައިވެނި ކުރާކަށް ޝަރުއީ ކޯޓުތައް ކަމަކު ނުދެއެވެ. ނަމާދު ކުރުމަށް މިސްކިތްތައް ކަމަކު ނުދެއެވެ. ސަރުކާރުގެ އެއްވެސް ވަޒީފާއެއް ހުއްދައެއް ނުކުރެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އެ ނުރައްކާތެރި ވިސްނުމުގެ މީހުން ދެކޭގޮތުގައި އަންހެން ދަރިންނަށް ކިޔަވައިދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި ދަރިންނަށް ވެކްސިން ދިނުމަކީ ވެސް އެމީހުން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

"މިފަދައިން ބުނާއިރު އެކުދިން ބަލިވީމާ ދައްކަން ބޭނުންވަނީ އަންހެން ޑޮކްޓަރުން ކަމަށާއި އަންހެން ކުދިންނަށް ކިޔަވައިނުދޭ ކަމަށް ވަނީ ނަމަ، އަންހެން ޑޮކްޓަރުންނާއި އަންހެން ޓީޗަރުންނާ ތަފާތު ފަންނުތަކުގެ ހުނަރުވެރި ކަނބަލުން ހޯދާނީ ދެން ފަހެ ކޮންތާކުން ހެއްޔެވެ؟..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީނުގައި އިލްމު އުނގެނުމަކީ ދެ ޖިންސަށް ވެސް ވާޖިބު ކަމެއް ކަމަށާއި ބަލިވުމުން ބޭސްފަރުވާ ކުރުމާއި، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަކީ ދީން ބާރުއަޅާ ކަމެއް ކަމަށެވެ.