ކުޑަކުދިންގެ މައުސޫމްކަމުން ފައިދާ ނަގާ މީހުން ދެނެގަނެ، ފިޔަވަޅު އަޅަން ކައުންސިލަރުންނަށް ގާނޫނުން ލާޒިމު ކުރަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުޑަކުއްޖަކާ ގުޅުން ހިންގައި، އެކުއްޖާ ބަލިވެ އިން މައްސަލައިގައި ރާއްޖޭގެ ރަށްރަށުގައި އެފަދަ މައްސަލަތައް އުޅެނީ ކިހާ ވަރަކަށްތޯ ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ކައުންސިލްތަކުން އެ މައުލޫމާތުތައް ހޯދުމަށް ނިންމައިފައެވެ.
މޫސަ ވިދާޅުވީ ކައުންސިލަރުންނަކީ ކުދި އާބާދީތަކުގައި ދިރިއުޅޭ ތުއްތު ކުދިންގެ ހާލު ބަލާ ބަޔަކަށް ވާން ޖެހިއްޖެ ކަމަށާއި އެކުދިންގެ މައުސޫމްކަމުން ފައިދާ ނަގާ މީހުން ދެނެގަނެ ފިޔަވަޅު އަޅަން ކައުންސިލަރުންނަށް ގާނޫނުން ލާޒިމުކުރަން ވެއްޖެ ކަމަށެވެ.
"ފިލައިގެން އުޅޭ ބިދޭސީންނެއް ނުހޯދޭ. ތުއްތު އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށް އެކުދިން ބަނޑުބޮޑު ވާއިރު ކައުންސިލަރުންނަކަށް ނޭނގެ. ކަމާބެހޭ މިނިސްޓްރީއަކަށް ނޭނގެ،" މޫސަ ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެފައިވަނީ ކައިވެނީގެ ނަމުގައި ގުޅުން ހިންގައި، ބަލިވެ އިން ކުއްޖާގެ ބައްޕައަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އއ. ހިމަންދޫގައި 2007 ވަނަ އަހަރު ފުލުހުންނާއި ސިފައިންނާ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހެއްކަން އެނގޭ ކަމަށެވެ. އަދި އެއީ އެކުއްޖާގެ ފުރަތަމަ ކައިވެނި ނޫން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.
ކައިވެނީގެ ނަމުގައި ގުޅުން ހިންގާފައިވަނީ އެކުއްޖާގެ މައިންބަފައިންގެ ރުހުމުގައި ކަމަށާއި އެ ކުއްޖާގެ އާއިލާއަކީ ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރާ ބައެއްކަން އެމީހުން ދިރިއުޅޭ ރަށުން ސާފުކޮށް އެނގޭ ކަމަށް ޖީހާން ވިދާޅުވިއެވެ.