ޚަބަރު

ފަސް ވަނަ ރައީސަށް އިއްވި ހުކުމް، ނިމިގެންދިޔައީ ފަހަކުން!

މިއަދަކީ ބޮޑު ދުވަހެކެވެ. އެއްބަޔަކަށް ލިބުނު އުފަލެކެވެ. އަނެއް ބަޔަކަށް ލިބުނު ހިތާމައެކެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތު އެމަނިކުފާނު ޖަލަށް ލާން ހުކުމްކުރި ދުވަހެވެ. ނަމަވެސް އެމަނިކުފާނުގެ ޝަރީއަތް ނިމިގެން މިދިޔައީ ހުރިހާ ކަމެއް ނަންބަރު ފަހަކާ ގުޅިގެންނެވެ. އެ އަޑު ސޯޝަލް މީޑިއާގައި ވެސް މިވަނީ ގަދަވެފައެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ.

ރައީސް ޔާމީނަކީ ރާއްޖޭގެ "ފަސް" ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ފެހި ގާނޫނުއަސާސީ ވުޖޫދުވުމަށްފަހު ގިނަ ޕާޓީތައް އެކުލެވޭ ނިޒާމަކަށް އަމަލު ކުރަން ފެށި ފަހުން ރާއްޖޭގައި "ފަސް" އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސަކީ ވެސް އެމަނިކުފާނެވެ.

ނަމަވެސް ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ކަންތައް ވެސް ހިނގައިދިޔައީ އެމަނިކުފާނުގެ ވެރިކަމުގެ "ފަސް" އަހަރުގެ ތެރޭގައެވެ. އަދި މި "ފަސް" އަހަރުގެ ތެރޭގައި އެ މައްސަލަ ބެލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

އިއްތިފާގަކުން އެ މައްސަލައިގައި ރައީސް ޔާމީނަށް ދައުވާކޮށްފައިވަނީ އެމަނިކުފާނުގެ އެކައުންޓަކަށް ދެ ފަހަރެއްގެ މަތިން "ފަސް" ލައްކަ ޑޮލަރު ޖަމާވި މައްސަލައެވެ. އެ މައްސަލަ އާއިގެން ރައީސް ޔާމީން ކޯޓަށް ވަޑައިގަތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ހިމެނިވަޑައިގަންނަވާ ގޮތަށް "ފަސް" ވަކީލުންގެ ޓީމަކާއެކުއެވެ.

އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީތަކުން ލައިވްކޮށް ކުރިއަށްގެންދިޔަ އެ ޝަރީއަތުގައި ރައީސް ޔާމީންގެ މައްޗަށް ފުރަތަމަ ހުކުމް ކުރަން ހަމަޖެއްސީ ވެސް މިމަހުގެ "ފަސް" ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބެލި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަސްވަނަ ދުވަހު ސަސްޕެންޑްކުރުމުން ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް "ފަސް" ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައި މައްސަލަ ކުރިއަށްގެންދިޔައެވެ.

އެންމެ ފަހުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމީ ވެސް "ފަސް" ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި ހުކުމް ކޮށްފައިވަނީ ވެސް "ފަސް" އަހަރަށް ޖަލަށް ލުމަށާއި "ފަސް" މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.