މެންބަރު އަބްދުﷲ ރިޔާޒް

ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރުކަމުގެ މަގާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުގެ މަގާމުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފިއެވެ.

ޖޭޕީގެ ލީޑަރު ގާސިމަށް އަބްދުﷲ ރިޔާޒް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޕާލިމަންޓަރީ ގްރޫޕުގެ އިންތިހާބުގައި ޖޭޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވުމާ ގުޅިގެން ކަމަށެވެ.

އަބްދުﷲ ރިޔާޒުގެ ސިޓީގައި ޖޭޕީގެ ލީޑަރުގެ މަގާމަށް ހަމަޖައްސައި، އެ ފުރުސަތު ދެއްވި ކަމަށްޓަކައި ގާސިމާއި އެ ޕާޓީގެ ކައުންސިލަށް ވަނީ ޝުކުރު ދަންނަވައިފައެވެ.

އަބްދުﷲ ރިޔާޒް "ވަން އޮންލައިން"އަށް ވިދާޅުވީ މިހާރު ޖޭޕީގައި ގާބިލް ބޭފުޅުން ގިނަ ކަމަށާއި އިސްތިއުފާ ދެއްވީ އެބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުންނާއި ދެ މަގާމުގައި ދެމިހުންނަވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

ކުރިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި އަބްދުﷲ ރިޔާޒް ވަނީ ކުރިން ޖޭޕީގެ ނައިބު ލީޑަރު މަގާމު ވެސް އަދާކުރައްވައިފައެވެ. ޖޭޕީގެ އެންމެ ފަހުގެ ކޮންގްރެސް ބޭއްވި އިރު، އަބްދުﷲ ރިޔާޒް ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރިޔާޒް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން މިދިޔަ އޭޕްރީލް މަހު ހައި ކޯޓުން ހުކުމްކުރީ ފުލުހުންގެ ތަހުގީގަކަށް އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލައިގައެވެ.