ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގެ ބެންޗާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައަކީ ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ އެމަނިކުފާނުގެ މައްސަލަ ބަލާ ބެންޗު އެކުލެވިފައިވާ ގޮތާއި ގުޅޭ ގޮތުން ހުށަހެޅި މައްސަލައެކެވެ. އެގޮތުން މައްސަލައަކަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގެ ބެންޗު އެކުލަވާލާފައިވަނީ ކުރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމިއްލަފުޅަށް ކަމަށް ރައީސް ޔާމިންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް އަދިި ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައި އެކަން ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށްވަނީ އަންގާފައެވެ. ވަކީލުންގެ ޓީމުން "ވަން" އަށްވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.
ރައީސް ޔާމީންގެ މައްސަލަ ބަލަން މިހާރު އެކުލަވާލައިފައިވާ ބެންޗުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލައިގެ ހުކުމް ކުރުން މިއަދު މެންދުރު 1:30 އަށް ވަނީ ތާވަލު ކޮށްފައެވެ. އަދި އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވެސް ގާޒީ އަލީ ރަޝީދާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މައްސަލައިން ތަނާޒަލްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އެގޮތަށް ރައީސް ޔާމީން އެދިވަޑައިގަތީ ގާޒީ އަލީ ރަޝީދު މީޑިއާއަކަށް މައުލޫމާތު ދެއްވާފައިވާތީ އެއީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވެއެވެ. އަދި ގާޒީ އަލީ ރަޝީދު ގާޒީންގެ ބެންޗުގައި އިންނަވާ ނަމަ ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ނުވެދާނެ ކަމަށް ދެކޭ ކަމަށް ވެސް އެދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.
ނަމަވެސް ބެންޗުގައި ހިމެނިވަޑައިގަންނަވާ އެހެން ފަނޑިޔާރުންނާ މަޝްވަރާ ކުރެއްވުމަށްފަހު، ގާޒީ އަލީ ރަޝީދު ވަނީ އެއީ އިންޓަވިއުއެއް ނޫން ކަމަށް ވިދާޅުވެ މައްސަލައިން ތަނާޒަލް ނުވުމަށް ނިންމައިފައެވެ.
ރައީސް ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަން ފެއްޓެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބާ ގުރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން، ރައީސް ޔާމީނަށް ހުކުމް ކުރަން އޮތް ދުވަހު އޭނާ ސަސްޕެންޑްކުރިއެވެ.
ރައީސް ޔާމީންގެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދާއި ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.