މިއަހަރަކީ ބަތަލާ ކްރިތީ ސާނޮންއަށް ވަރަށް ކާމިޔާބު އަހަރެކެވެ. މިހާތަނަށް ހަތަރު ފިލްމު ރިލީސް ކޮށްފައިވާއިރު އަންނަ މަހު ފުރަތަމަ ހަފުތާގައި ކްރިތީ ފެނިގެންދާ ފިލްމު "ޕަނިޕަތް" ވެސް ރިލީސް ވާނެއެވެ.
މިއަހަރު ކްރިތީގެ ރިލީސް ކުރި ފިލްމު ތަކުގެ ތެރޭގައި "ލުކާ ޗުޕީ"، "ކަލަންކް"، "އަރްޖުން ޕަޓެއާލާ" އަދި "ހައުސްފުލް 4" ހިމެނެއެވެ.
އަހަރުގެ ފަސްވަނަ ފިލްމު ރިލީސްވުމުގެ މަގުމަތީގައި އޮއްވައި ކްރިތީ މިހާރު ވަނީ އެހެން ފިލްމެއްގެ މަސައްކަތް ވެސް ފަށާފައެވެ. އެއީ ލަކްސްމަން އުތޭކަރު ޑައިރެކްޓް ކުރާ ފިލްމު "މިމީ" އެވެ. ލަކްސްމަން އަކީ މިއަހަރު ކްރިތީގެ ރިލީސްވި އެންމެ ފުރަތަމަ ފިލްމު "ލުކާ ޗުޕީ"ގެ ވެސް ޑައިރެކްޓަރެވެ.
ފިލްމު މިމީ އަކީ "ސަރޮގަސީ" އަށް ހާއްސަކޮށް ނެރޭ ފިލްމެކެވެ.
ފިލްމާ ގުޅޭ ގޮތުން ކްރިތީ ބުނި ގޮތުގައި މި ފިލްމަކީ ރަނގަޅު މައުލޫމާތުތަކެއް ފޯރުކޮށްދޭ ފިލްމެއްކަމަށްވިޔަސް ފިލްމަކީ ޑޮކިއުމެންޓަރީ ސްޓައިލުގެ ފިލްމެއް ނޫން ކަމަށެވެ.
"މި ފިލްމަކީ އެންޓަޓެއިންމަންޓް ފިލްމެއް. މީގައި ހިޔުމާ ހިމެނޭނެ. ފިލްމުގައި އަހަރެން ފެންނާނީ ނެށުންތެރިއެއްގެ ރޯލުން. ދިމާވާ ހާދިސާއަކުން ޖެހެނީ ސަރޮޖޭޓް މަންމައަކަށް ވާން. ފިލްމުގެ ވާހަކައަކީ އަހަރެންގެ ދިރިއުޅުން ބަދަލުވި ގޮތުގެ ވާހަކަ" މީޑިއާއަށް ދިން އިންޓަވިއުގައި ކްރިތީ ބުންޏެވެ.
ފިލްމުގައި ޕަންކަޖް ތުރިޕަތީ މުހިންމު ރޯލުން ފެނިގެން ދާނެއެވެ.