ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއެކު ދާން ޖެހުނު ހިސާބަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕުރޮގްރެސިވް ކޯލިޝަނުން މިރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ މިހެން ވިދާޅުވެފައިވާ އިރު، ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ހުކުމް މާދަމާ އިއްވާނެއެވެ.
އެއްވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ މި ގައުމުގެ ރައްޔިތުންނާއި ގައުމުގެ މިނިވަންކަމުގެ ހައްގުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ލިބޭ ކޮންމެ ކާމިޔާބީއަކީ ދިވެހި ގައުމަށް ލިބޭ ކާމިޔާބެއް ކަމަށެވެ. އަދި އެ މަނިކުފާނާއެކު ދާންޖެހުން ހިސާބަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާ އެކީގައި ނުކުމެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިގައުމުގެ ހައްގުގައި މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި ރައީސް ޔާމިނާ އެކީގައި، ދާންޖެހުނު ހިސާބަށް ދާން އަޅުގަނޑުމެން ވަރުބައްޔެއް ނުވާނެ، އެހިސާބަކަށް ދާން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެބޭފުޅުން ރައީސް ޔާމީނާއެކު ސާބިތުވެ ތިބީ އެމަނިކުފާނުގެ ހިތްވަރާއި، ފެންވަރާއި، ފަންވަރު އެނގިގެން ކަމަށާއި މިގައުމަށް ގެނައި ތަރައްގީ ފެނުނީމަ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމިނަށް ހެޔޮއެދިވަޑައިގަންނަވާނެ އެއްވެސް ސިޔާސީ ލީޑަރެއް މިގައުމުގައި ނެތް ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ރައީސް ޔާމިނަށް ހެޔޮއެދިވަޑައިގަންނަވާނެ އެއްވެސް ސިޔާސީ ލީޑަރެއް މި ގައުމަކު ނެތް. މި ގައުމަކު ނެތް. މި ދަންނަވަނީ ވަރަށް ވާހަކަ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިއަދު މި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބުނެދެން އެނގޭވަރުގެ އެއްވެސް މީހަކު ސަރުކާރުގައި ނެތް ކަމަށެވެ. ތިންބާރު "އޮޅާލައިގެން" އަނދި ދައުލަތެއް ހިންގަން އުޅޭ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. މިހާރު ވެރިންނަށް ތިބީ މިނިވަންކަމާ ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅުން ކަމަށް އަދުރޭ ވަނީ ސިފަކުރައްވައިފައެވެ.