ދީޕިކާ އަދި ރަންވީރުގެ ކައިވެންޏަށް ގިނަ ބައެއްގެ ލޯތައް މިދިޔަ ދުވަސްކޮޅުގައި ވަނީ ހުއްޓިފައެވެ. އިޓަލީގެ ލޭކް ކޮމޯ ގައި ދީޕިކާ އަދި ރަންވީރު (ދީޕްވީރު) ކައިވެނި ކޮށްފައިވާއިރު މި ކައިވެނީގެ ސެކިއުރިޓީގެ ކަންކަން ވަރު ގަދަ ކުރުމަށް ވަރަށް ބޮޑު ހަރަދެއްކޮށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެގޮތުން އާއިލާ އާ އެންމެ ގާތް މީހުންނަށް ކައިވެންޏަށް ދައުވަތު ދީފައިވާއިރު މި ކައިވެނި ހަފްލާއަށް ފޯނުވެސް ނުވެއްދެއެވެެ. ކައިވެންޏަށް ދިޔަ ގެސްޓުންނަށްވެސް ބޭނުން ކުރެވެނީ އެ ހަފްލާއަށް ހާއްސަކޮށް ހަމަޖައްސާފައި ތިބި ޕްރޮފެޝިނަލް ފޮޓޯގްރާފަރުންގެ ފޮޓޯއެވެ.
އިއްޔެ ދީޕްވީރު ކައިވެނި ކޮށްފައިވާއިރު ފޭނުން ތިބީ އެދެތަރިންގެ ކައިވެނީގެ ފޮޓޯތައް ބަލާހިތުން ކެތްމަދުވެފައެވެ. އެ އެދުން މިހާރު މިވަނީ ފުދިފައެވެ. ދީޕްވީރު މިވަނީ އެމީހުންގެ ރަސްމީ ސޯޝަލް މީޑިއާގައި ކައިވެނީގެ ރަސްމީ ދެ ފޮޓޯއެއް ފޭނުންނަށް ހިއްސާކޮށްފައެވެ.
ދީޕްވީރުގެ ކައިވެނި އިއްޔެ ކުރެވުނީ ޓްރެޑިޝަނަލް ކޮންކާނީ ފެޝަނަށެވެ. އަދި މިއަދު ސިންދީ ޓްރެޑިޝަންއަށްވެސް ދެ ތަރިންގެ ކައިވެނި ވަނީ ކުރެވިފައެވެ.
ރަންވީރު ވަނީ "މެރީ ޕޭންޓް ބީ ސެކްސީ" "ޗުނަރި ޗުނަރި" އަދި "ވަން ޓޫ ކާ ފޯ" މި ތިން ލަވައަށް އެ ހަފްލާގައި ނަޝާފައެވެ.