ޑރ. މުހައްމަދު މުއިއްޒު

އާންމުކޮށް މާލޭގައި ދިރިނޫޅޭ ފަރާތްކަށް ލިބުނު ފުލެޓްތައް އަތުލާނަން: ހައުސިން މިނިސްޓަރު

ޝަހީދާ އަބްދުﷲ ސައީދު

3

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފުލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާ ޚިލާފަށް ދޮގު މައުލޫމާތު ދީގެން ލިބިފައި ހުރި ފުލެޓްތައް އަނބުރާ ސަރުކާރަށް ނަގާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގައި ދިރިއުޅޭ ކަމަށް ބުނެ އަތޮޅުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކަށް ފުލެޓް ދޫކޮށްފައިވާތީ، އެކަން ފާހަގަކޮށް ނޫސްވެރިޔަކު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެގޮތަށް ފުލެޓް ލިބިފައިވާނަމަ އެއީ އެއްބަސްވުމާ ޚިލާފުވުން ކަމަށެވެ.

އަދި ފުލެޓް ދޫކުރިއިރު، އާންމުކޮށް ބަލާފައިވާނީ ފޯމުގައި ދީފައިވާ މައުލޫމާތަށް ކަމަށާއި، ބައެއް ހާލަތްތަކުގައި ރަށު ކައުންސިލަށް ގުޅައިގެން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި ދިރިނޫޅޭ ފަރާތަކަށް ފުލެޓް ދީފައިވާކަން ޔަގީން ކުރެވޭނަމަ، އެކަން ހައުސިން މިނިސްޓްރީއަށް ލިޔުމަކުން ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު ފުލެޓް އަނބުރާ ސަރުކާރަށް ނަގާނެ ކަމަށެވެ.

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފުލެޓަށް އެދި ހުށަހެޅި ފޯމުގައި އެމީހާއާއި، އޭނާގެ އާއިލާއާ ބެހޭ މައުލޫމާތު ހާމަކުރަން ބުނެފައިވާއިރު، މާލޭގައި ދިރިއުޅުނު މުއްދަތު ބަޔާންކުރަން އަންގާފައިވާނެ ކަމަށެވެ.

އަދި ފުލެޓަށް އެދި ފޯމު ހުށަހަޅާއިރު، މާލޭގައި މެދުނުކެނޑި މަދުވެގެން ފަސް އަހަރު ދިރިއުޅެފައިވާ އަދި ދިރިއުޅެމުންދާ މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ދޮގު މައުލޫމާތު ދިނުމަކީ ކުށެއް ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެންމެ ފަހުން ފުލެޓް ދޫކުރިއިރު، މަލޭގައި ދުވަހަކުވެސް ދިރި އުޅެފައި ނުވާ އެތައް ބަޔަކަށް ފުލެޓް ދީފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟